އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އާއި ޕާކިސްތާނަށް ވެސް ފޯރައިފިއެވެ.

މިގޮތުން އިނގިރޭސިވިލާތުން އެނބުރި އައި ތިންމީހެއްގެ ގައިން ކޯވިޑް ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. އެތިންމީހުންވެސް ނިސްބަތްވަނީ ކަރާޗީއަށެވެ.

Ad
rt

ޕާކިސްތާނު ސަރުކާރުން ބުނީ، އިނގިރޭސިވިލާތުން އެނބުރި އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނެގުނު ކަމަށާއި، އޭގެ ތެރެއިން 6 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 3 މީހެއްގެ ސާމްޕަލްއިން ވޭރިއެންޓް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ ހަ މީހަކު ވައިރަހުގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވާކަން އިންޑިއާގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފި އެވެ. އިންޑިއާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނާ ގޮތުގައި އެމީހުން މިހާރު ތިބީ ވަކިވަކީން ކަރަންޓީން ކޮށްފަ އެވެ. އަދި އެމީހުންނާ ގާތްވެ އުޅުނު މީހުން ވެސް ތިބީ އެކަހެރި ކޮށްފަ އެވެ.

ކޯވިޑް-19 ވައިރަހުގެ އައު ވޭރިއެންޓް އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. އޭގެފަހުން، ޔޫރަޕްގެ ބައެއް ގައުމަކާއި، ކެނެޑާ، އުރުދުން އަދި ޖަޕާން، ސިންގަޕޫރުން ވެސް މި ވޭރިއެންޓް ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ޔޫކޭގެ ދަތުރުވެރިންނާއި ފްލައިޓްތައް މަނާކޮށްފަ އެވެ. ސިއްހީ އޮފިޝަލުން ބުނަނީ އާ ވޭރިއަންޓަކީ ފަސޭހައިން ފެތުރުމުގެ 70 ޕަސެންޓް ޗާންސް ބޮޑު އެއްޗެއް ކަމަށެވެ. އެކަމަކު އެއީ އެހާ ނުރައްކާ ވައިރަހެއް ނޫން ކަމަށް ބުނެފައިވެ އެވެ.