އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަދުވަހުގެ ރޭ ޗެލްސީ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު ލެސްޓާ ސިޓީ ކުޅުނު މެޗު ވެސް އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މެޗު އެސްޓަންވިލާ އާއި ވާދަކޮށް އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާއިން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޗިލްވެލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮލިވަ ޖިރޫޑެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެސްޓަން ވިލާއިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ނެދަލެންޑް މިޑްފީލްޑަރ އަންވަރު އެލް ޣާޒީއެވެ. މި މެޗުން އެއްވަރުވެ، ޗެލްސީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ.
ޗެލްސީ މި ވަގުތު އެ ޓީމު ލީގުގައި ކުޅުނު 16 މެޗުން ލިބުނު 26 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ ހަ ވަނާގައި އޮތްއިރު، އެސްޓަންވިލާ މިވަގުތު އެ ޓީމު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 26 ޕޮއިންޓާއި އެކު އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ.
ހޯމަދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނީޖާއިން އެއްވަރު ވެގެންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ލެސްޓާއިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލެސްޓާއަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރު ވެފައެވެ. އެ ޓީމުގެ ފޯވާޑް އިނާޗޯ ފޮނުވާލި ޕެނަލްޓީ ޕެލެސްގެ ގޯލްކީޕަރ ވިސެންޓޭ ގުއައިޓާ ވަނީ ހުޝިޔާރުކަމާއި އެކު ދިފާއު ކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ޓައުންސެންޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމަށް ލަނޑު ޖަހައި ދީފައިވަނީ އެ ޓީމްގެ ފޯވާޑް ޒަހާއެވެ. މެޗުން ޕެލަސް މޮޅުވާން ދަނިކޮށް މެޗު ނިމެން ހަތްމިނެޓަށް ވެފައިވަނިކޮށް ލެސްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި މިޑްފީލްޑަ ހާވޭ ބާންސްއެވެ.
މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ލެސްޓާއިން ލީގުގައު ކުޅުނު 16 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު މި ވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. ކްރިސްޓަލް ޕެލަސް އެ ޓީމުން ލީގުގައި ކުޅުނު 16 މެޗުން ލިބުނު 19 ޕޮއިންޓާއި އެކު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!