އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވުލްވްސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޓޮޓެންހަމުންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރ އެންޑޮންބެލޭއެވެ. މި ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރ ބެން ޑާވިސްއެވެ. ފުރަތަމަ ހާފު ނިމުގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވުލްވްސްއިން ޓޮޓެންހަމްގެ ގޯލަށް ބާރު ބޮޑުކުރިތަން ފެނިގެން ދިޔައެވެ. މިގޮތުން އެ ޓީމުންވަނީ ޓޮޓެންހަމްގެ ގޯލަށް އަމާޒުކޮށް ހަތް ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގައި އެ ޓީމުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުނިމެން އެންމެ ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ސައިސްއެވެ.
މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ޓޮޓެންހަމް މި ވަގުތު އޮތީ އެ ޓީމުން ލީގުގައި ކުޅުނު 15 މެޗުން ލިބުނު 26 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނާގައެވެ. ވުލްވްސް އޮތީ އެ ޓީމުން ލީގުގައި ކުޅުނު 15 މެޗުން ލިބުނު 21 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!