އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބު ކުރަމުން އައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އާދީއްތަ ދުވަހުގެ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޯމްވިޗް އެލްބިއަން އާއި ބައްދަލުކުރި މެޗު އެއްވަރުވެ އެ ޓީމު ދަމަހައްޓަމުންއައި މޮޅުވުމުގެ ރިކޯޑް ނިމުމަކަށް އައިސްފިއެވެ.
ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ސަޑިއޯ މަނޭއެވެ. މި ލަނޑު މަނޭ ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ ޑިފެންޑަރ މަޓިޕް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ވެސްޓް ބްރޯމްވިޗް ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން އެ ޓީމުންވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރ އަޖާއީއެވެ. މި މެޗުގައި ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ވެސްޓް ބްރޯމްވިޗްގެ ގޯލް ކީޕަރ ޖޯންސްޓޯންގެ މޮޅު ކުޅުންވަނީ ފާހަގަވެގެން ގޮސްފައެވެ.
މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގައި ފަސް ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ ތިން ޕޮއިންޓް ގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް ލިބިފައިވަނީ 15 މެޗުން 32 ޕޮއިންޓެވެ.
އާދީއްތަ ދުވަހުގެ ރޭ އެވަޓަންއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލު ކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ އެވަޓަންއެވެ. އެ ޓީމަށް ލީގުގައި ކުޅުނު 15 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!