އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ "ނާޖިޙު ދީދީ"އެވެ.
"ދިވެހިރާއްޖެއިން ބްރިޓިޝް މިއުޒިއަމަށް ގެންދެވުނު ތަކެތީގެ ތެރެއިިން" މި ސިލްސިލާގެ ދަށުން ފޭސްބުކްގައި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙް ގެނެސްދެމުން ގެންދާ ސިލްސިލާގެ ތެރެއިން ލޮލުގައި އަޅައިގަނެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ގަންބާލީ މި ފައިވާން ޖޯޑެވެ.
"އެދުވަސްވަރު ދިވެހީން އާއްމުކޮށް އަރައިއުޅުނު ވައްތަރުގެ ޑަބަލްބޯ ފައިވާނެއް" މިސުރުހީގެ ދަށުން ހިމަނާލާފައިވާ މި ފޮޓޯ އިން ފާހަގަވި އެއްކަމަކީ އެޒަމާނުގައި ާރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިއީ ވަރަށް މަޝްހޫރުވެގެން ދިޔަ ފައިވާނެއް ކަމެވެ. އެކިރަށްރަށުގައި މީގެ ފައިވާނަށް އެކިއެކި ނަން ކިޔާކަން ފާހަގަ ކުރެވުނެއެވެ.
ނާޖިޙް މިދުވަސްވަރު ހިއްސާކުރަމުންދާ ފޮޓޯތަކަށް ބަލާއިރު އުފެދޭ ސުވާލަކީ ބްރިޓިޝް މިއުޒިއަމްގައި މިހާގިނަ ސާމާނު ހުންނަންވީ ސަބަބާއި މެދުއެވެ.
އެޒަމާނުގައި ދިވެހިރާއްޖޭގައި ގިނަވެފައި ހުރި އެއްޗެތީގެ ތެރެއިން ގިނަ އެއްޗެތި މިއަދާ ހަމައަށް ރައްކާކުރެވިފައި ނެތީ ކީއްވެގެން ތޯ ވިސްނާލީމަ ހިތަށް އަންނަ ޖަވާބަކީ ދިވެހީން އެކަމަށް އަހުމިއްޔަތުކަމެއް ނުދިނީމައޭ ރައްކާކުރެވިފައި ނެތީ. ދެން ރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި ވެސް ލައްކަ ސާމާނު އެބަހުރި ކަމުގައިވެސް ދަންނަވާލަން. އިނގިރޭސި ބައެއް މިއުޒިއަމް ތަކުގައި ރައްކާކުރެވިފައި ހުރި ބައެއް ތަކެއްޗަކީ ރާއްޖޭގެ މިއުޒިއަމްގައި ނެތް ތަކެތި. އެއީ އެމީހުންނަކީ 1800 ގެ އަހަރުތަކުގައިވެސް ރާއްޖެއާއި ދުނިޔޭގެ އެތަންމިތަނުން ތަކެތި އެއްކޮށް ރައްކާތެރިކުރަމުން ދިޔަ ބައެއް. އެތަކެތި މިއަދާ ހަމައަށް އަހަރެމެންނަށް ފެންނަން ހުރީ އިނގިރޭސި މިއުޒިއަމްގައި ރައްކާކޮށްފައި ހުރީމަ. އެކަމަށްޓަކައި އެމީހުންނަށް ޝުކުރު އަދާކުރަންޖެހޭ. އަހަރެމެންގެ ރާއްޖޭގައި ހުރި އާސާރީ ތަކެތި ސަރުކާރުން ނީލަން ކިޔައި ވިއްކަމުންދިޔަ ދުވަސްވަރެއްވެސް ދިޔަ. އޭރު މާބޮޑު ސަމާލުކަން ދެވުނު ކަންކަމެއް ނޫން ތަރިކަ ރައްކާތެރިކުރުމަކީ.
އޭރު ދިވެހިންނަށް މިސާމާނުތައް ރައްކާނުކުރެވުނީތޯ ޒުވާނަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން ނާޖިޙް ބުނެފައިވެއެވެ.
ރަށް ރަށުގައި މި ފައިވާނަށް ކިޔާއުޅުނު ނަންތަކުގެ ބަހުސްއަށް ބަލާލާއި އިރު އެކި ހިސާބުތަކުގައި ކިޔާއުޅުނު ނަންތައް ތަފާތުކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ފުވައްމުލަކިމީހުން ކޭނނީ "ކަޅޮ ޗައްޕަލް" އެވެ. އައްޑޫ ބަހުން ނަމަ "އުސް ޗައްޕަލައް" އެވެ. އެހެން ހިސާބުތަކުގައި "ކަޅު އުސް ބޯ ފައިވާން"، "ބޯޓު ފައިވާން" ކިޔާ އުޅޭކަމަށް ބަޔެއް މީހުން ބުނެފައިވެއެވެ.
1977-1978 ދެމެދުގެ އަހަރުތަކުގައި "ޑަބަލް ބޯފައިވާން" ވަރަށް މަޝްހޫރުވިކަމަށް ވެއެވެ. އެގޮތުން ދެފައިވާން އެއްކޮން ފަހައިގެންވެސް ބަޔެއްމީޙުން އަރާއުޅުންކަމަށް ވެއެވެ.
މިއީ އޭރުގެ ރީފް ފައިވާނެވެ. ނޫކުލައިގެ ވަދުލީ ފައިވާނާއި ރަތް ވަދުލީ ފައިވާނެވެ. މިއީ، ދެޖިންސުގެ ހުރިހާ އުމުރުފުރައެއްގެ މީހުންނާ ވެސް ގުޅޭ އަރާލަން އެހާމެ ފަސޭހަ ފައިވާނެކެވެ. ހަވީރު ފިންޏަށް ހިނގާލަން ދާއިރު ވެސް ގިނަ މީހުން ފެންނާނީ މި ފައިވާނުގަ އެވެ. މަގުމަތީގައި ފެންބޮޑު ވިޔަސް މީގެ ފައިވާނަކަށް އަރައިގެން ހުރެއްޖެނަމަ ޖެހިލުންވާކަށް އޭރު ނުޖެހެ އެވެ. މީގެ ފައިވާނެއް ނުލިބިއްޖެނަމަ ބަޔެއް ކުދިން ވަރަށް ހިތްދަތިވާކަމަށްވެސް ވެއެވެ.
ކޮންމެއަކަސް މިއީ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ ފައިވާނެކެވެ. ތިރަށު މީހުން މީގެ ފައިވާނަށް ކިޔާ އުޅުނީ ކޮން ނަމެއް ހެއްޔެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!