ދެވަނަ ސުނާމީއަށް 15 އަހަރުފަހުން ބައްދަލުކޮށްފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް ކަމަށާއި، އެ ވަބާއިން ސަލާމަތްވެ ތިބުމަށް ހަމަހަމަކަމާއިއެކު ފުރިހަމައަށް ޤާނޫނު ތަންފީޒު ކުރެވިއްޖެނަމަ މުޅި ރާއްޖެ އޮންނާނީ އެއްބައި ވަންތަ ކަމާއިއެކީގައި ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ސައުދު ވިދާޅުވީ، މިއަދު ''މިޖަލްސާގައި ކުރިމަގުން މިފެންނަނީ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެންމެ މުހިންމު މައްސަލައަށް ސަރުކާރުން ހައްލު ގެނެސްދޭތަން'' ކަމަށެވެ.

''މިރަށުގެ މައްޗަށް، މިއަތޮޅުގެ މައްޗަށް މުޅި ރާއްޖޭގެ މައްޗަށް މިއަދު މަސްތުވާތަކެތީގެ ބޮޑު ކަޅު ވިލާގަނޑު، އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭތޯ؟ މަސްތުވާތަކެތީގެ ބޮޑު ކަޅު ވިލާގަނޑެއްގެ ގޮތުގައި ވާރޭގެ ގޮތުގައި އެ ބޮޑު ވަބާ މުޅި ޤައުމަށް މިއަންނަނީ ފެތުރެމުން، ގޭގޭ ފުރާޅުމައްޗަށް ވެސް މިއަދު، އަޅުގަނޑުމެން ކޮންމެ ގެޔަކަށް މިއަދު މި އިޙްސާސް ކުރެވެނީ މަސްތުވާ ތަކެތީގެ ވަބާ، މިއަދު އަޅުގަނޑުން އެބަޖެހޭ މިވާހަކަ ދައްކަން، މިވާހަކަ ދައްކާ މީހާ ކުށްވެރި ކުރަންވީކީ ނޫން މިވާހަކަ ދައްކާ މީހާއާއިއެކު އެންމެން އެކީގައި އެއްބައިވާންވީ މި ވަބާއިން ސަލާމަތް ވުމަށް، ދެވަނަ ސުނާމީއަށް 15 އަހަރުފަހުން އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީ''

ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ތާރީޚްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ނުކުރާ ވަރަށް މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

''އިރާދުކުރެއްވިއްޔާ ތާރީޚްގައި މި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ނުކުރާ ވަރަށް މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެބަ މަސައްކަތް ކުރަށްވާ، އަޅުގަނޑު މިފުރުޞަތުގައި ކޮމިޝަނަރ އޮފް ޕޮލިސްއަށް ފަށްފަށުން ޝުކުރު ދަންނަވަން، ވަކި ފަންތި އަކަށް، ގިންތި އަކަށް ފިކުރަކަށް ބެލުމެއްނެތި އިންސާފު ގާއިމުކުރަށްވައި، ކަންކަމާއި ކުރިމަތިލައްވާ މިއަދު ނަތީޖާ އެބަ ނެރެދެއްވާ، ވަކި ސިޔާސީ ޕާޓީއަކަށް ވީތީ އެކަން ނުކުރަން ހުންނަ ނަމަ އިންސާފު އެކަމުގައި ގެއްލެނީ،''

ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އެންމެ ނިކަމެތި މީހާއަށް ވެސް ތަފާތު ކުރުމެއްނެތި ޤާނޫނު ތަންފީޒު ކުރަން ފަށައިފިނަމަ މުޅި ރާއްޖެ އޮންނާނީ އެއްބައި ވަންތަ ކަމާއިއެކީގައިކަމަށެވެ. އަދި ރަށު ކައުންސިލުން ޤަވާޢިދުތައް ތަފާތު ކުރުމެއްނެތި ފުރިހަމައަށް ތަންފީޒު ކުރާނަމަ ރައްތައް އޮންނާނީ އެއްބައިވަންތަކަމާއިއެކީގައި ކަމަށެވެ.

''މަސްތުވާތަކެތީގެ ވަބާއިން ވިލިނގިލި، އަދި މުޅި ހުވަދޫ އަތޮޅު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން މިވަނީ ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަވަން ތައްޔާރުވެފައި، މިކަމުން މަގެއްގެ ތާރުއަޅާފައި ފޮޓޯއެއް ނަގާހެން ނަގާނެ އަޅުގަނޑުމެންނަކަށް ނޭނގެ މިންމަޒު ދައްކަން ކޮން ފޮޓޯއެއްތޯ ދައްކާނީ، އެހެން ނަމަވެސް ތިބޭފުޅުން ވިސްނާ ފިކުރު ކުރަށްވާ، މިކަމުން ސަލާމަތްވެގެން މިއަދުގެ ޒުވާން ޖީލު މި މުޖުތަމައުގައި ޚިދުމަތްފެއްޓީމައި އެކުމުގެ އުފާވެރި އިހުސާސް ކޮން ޢާއިލާއަކަށްތޯ ނުވާނީ، ކޮން ވެރިޔަކަށްތޯ ނުވާނީ''

ސައުދު ވިދާޅުވިއެވެ.

ސައުދު ވަނީ އޭނާގެ ވާހަކާގައި ވިލިނގިލީގެ ސިޔާސީ ހުރިހާ ފިކުރަކުންވެސް ރަށުގެ ތަރައްޤީއަށް އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ. އަދި އޭނާ ދެމިހުންނާނީ އުފެދިފައިވާ އެއްބައިވަންތަ ސަރުކާރާއި، ރައްޔިތުންނާއި ދެމެދު، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ކަމަށް ވިދާޅުވެ، ސައުދު ވިދާޅުވީ ވިލިނގިއްޔަކީ އަބަދުވެސް ނަމޫނާ ރަށެއް ކަމަށެވެ.

''ކޯވިޑް-19 އާއި ގުޅިގެން މިރަށުގައި ވެސް ކަންތައް ތަކެއް ހިނގާފައި، މުޅިރާއްޖެ ލެވެލްގައި އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް ވެސް ބަދުނާމުތަކެއްއައި، އެއީ އަސްލު މަންޒަރެއްނޫން، މިރަށުގެ މަންޒަރެއްނޫން، އެއީ ފޮޓޯއެއްއެއް، އެއީ ކުރު އިސްތިހާރެއް، އެއީ ވިލިނގިލިން ފެނިގެން ނުދާނެ ކަމެއް، ވިލިނގިއްޔަކީ އަބަދުވެސް މުޅިރާއްޖެއަށް މަރުޙަބާ ކިޔާނެ، މިރަށަށް އަރާ މެހެމާނުންނަށް ހިނިތުންވެ އަބަދުވެސް މަރުޙަބާ ކިޔާ ރަށެއް''

ސައުދު ވިދާޅުވިއެވެ.

ސައުދު ވަނީ ސިޔާސީ ގޮތުން ބައިބައިނުވެ، ރަށުގެ ތަރައްޤީއަށް އެންމެންއެކީ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ ވަބާއިން ވިލިނގިލިއްޔާއި އަދި މުޅި ހުވަދޫ އަތޮޅު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ފައްޓަވާ ޕައިލެޓް ޕްރޮޖެކްޓެއް ވިލިނގިލީ ޒުވާނުން އިސްވެތިބެ، މުޅި ވިލިނގިލީގެ ރައްޔިތުންވެސް ތަރުޙީބު ދެއްވުމަށް އެދި ވަޑައިގެންފައެވެ.