މި ސަރުކާރުން ތަންފީޒު ކުރަމުންދާ އެޖެންޑާ-19 މެނިފެސްޓޯގައި ހިމެނޭ "ގޭދޮށު މަސްފެކްޓަރީ" މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) އަށް މާނަ ކުރެވޭގޮތް ރޭގައި ވަނީ ކިޔުއްވައި ދެއްވައިފައެވެ.
ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ''ވިސްނާ'' ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަނާ ވިދާޅުވީ، މަސްވެރިން ހިއްސާނުވާ ދެ ފުރާޅުޖެއްސި އެންމެ ގެއެއް ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.
މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމަށް ވިދާޅުވެ، މި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ "ގޭދޮށު މަސްފެކްޓަރީ" އޭނާއަށް މާނަ ކުރެއްވޭގޮތް އޭނާ ވިދާޅުވިއެވެ.
''ގޭދޮށު މަސްފެކްޓަރީގެ މާނައަކީ ތިމަންމެންގެ ސަރުކާރެއްގައި މަސްވެރިން ހައްސަ ބެޔަސް، ހައްސަ ޓަނު ބެޔަސް ތިމަންނަމެން ސަރުކާރެއްގައި ގަންނާނެ މަހެއް ނޯންނާނެއޭ، ކަލޭމެން ބޭ މަސްހިފައިގެން ގޭދޮށަށް ގޮސް ކައްކާނެ ގޮތަކަށް ކަށްކާ، ގޭ ދޮށުގައި މަސްކައްކާ ހިއްކާށޭ،"
ހަސަނާ ވިދާޅުވިއެވެ.
އެއީ އޮޅުވާލުމެއް ކަމަށާއި، އަނދުނެއް ކަމަށް ވިދާޅުވެ "މަކަރުވެރިން" ކިބައިން ސަލާމަތް ވުމަށް އޭނާ ވިދާޅުވިއެވެ.
"މިފަހުން މަސްވެރިން މި ކުރި މުޒާހަރާއަކީ އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖެއިން ވޯރާއިން ފައްސާލާ ބޮޑު ސްޓޯރު ހުޅުވިފަހުން ދިވެހި ތާރީޚްގައި ދިވެހިރާއްޖޭގެ މަސްވެރިން އަލަށް މުޒާހަރާ މި ކުރީ، ބޭނި މަސްކޮޅަށް އަގު ނުލިބިގެން،"
ހަސަނާ ވިދާޅުވިއެވެ.
"ހޯކޯ ނަމްބަރުގެ ސަ ތިރީސް، ހޯކޯ މާރު ތިރީހުގެ ލަވަ ހައްދަވައިގެން ދިވެހި މަސްވެރިކަމަކީ ދިވެހި އިގްތިޞާދުގެ ލޭނާރު ކަމަށް ޖީލުތަކަށް ވިސްނަވައިދެއްވި ބޭފުޅުން މިއަދު މަސްވެެރިން ހަނާވެ، ނިކަމެތިވެގެން ދާއިރު އެ ބޭފުޅުންނާއި ބައިއަތު ހިއްޕަވައިގެން ތިއްބެވި ތިއްބެވުމަކީ ލަދުވެތިވާ ކަމެއް."
މިކަންކަމަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެ އޭނާ އިތުރަށް ވިދާޅުވިއެވެ.
ހަސަނާއަށް މިގޮތަށް "ގޭދޮށު މަސްފެކްޓަރީ" މާނަ ކުރަށްވާފައިވާއިރު، "ތިލަދުން" އިން "ގޭދޮށު މަސްފެކްޓަރީ" އާއިގުޅޭ މަޢުލޫމާތު ހޯދާލުމަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވުޒާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، މިހާރު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އަށް ސުވާލު ދެންނެވުމުން ވިދާޅުވީ، އެ ކޮންސެޕްޓަކީ އެންމެ އާދައިގެ މީހާއަށް ވެސް މަސްވެރިކަމުގެ ނަފާ ލިއްބައި ދެނިވި ކޮންސެޕްޓެެއް ކަމަށެވެ.
"މި ވިސްނުމުގެ ތެރެއިން މަހަށް ދިޔުމުގައި އަމަލީ ގޮތެއްގައި ބައިވެރި ނުވެވޭ ނަމަވެސް އެ މަސައްތުގައި އެކި ގޮތް ގޮތުން ބައިވެރިވާ އެތައް ބަޔެއްގެ ބައިވެރި ވުމާއިއެކު މަސްވެރިކަމުގެ ވިޔަފާރި ފުޅާކޮށް ލިބޭ ނަފާ ގިނަ ބަޔަކަށް ބެހިގެންދާނެ، މިސާލަކަށް މަސްކަށްކާ ކަނބަލުންނާއި، މަސް ކަނޑާ މީހުން ފަދަ އެތައް ބަޔެއް އެބަ މީގައި ޝާމިލްކުރެވޭ، އެ އެންމެނަށް މި ވިސްނުމިގެ ތެރެއިން އާމްދަނީ ވެސް ޖީބަށް ވަންނާނެ"
އިބްރޭ ވިދާޅުވިއެވެ.
އެ މަސައްކަތް ފެށިގެން ދިޔުމުން ގޭގައި މަސްކައްކާފައި، ގަރުދިޔަ މަސްކޮޅު "ގޭދޮށު މަސްފެކްޓަރީ''އަށް ކިރާލެވޭނެ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން ދަޅުގައި ބަންދު ކުރާނެ އިންތިޒާމު ހަމަޖެހި، ވަޅޯ މަސްވ ވެކިޔުމް ކުރެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ވިސްނުމަކީ ގިނަ ބަޔަކަށް މަންފާ ކުރާނެ، އާމްދަނީ ގިނަ ބަޔަކަށް ބެހިގެންދާނެ އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުވާނެ ވިސްނުމެއް ކަމަށް ވެސް އިބްރޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!