ިއިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު އެ ޓީމުން ނަގާލައިފިއެވެ.
ލެސްޓާ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ މެންޗެސްޓާއިންނެވެ.
މި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައު ކާމިޔާބު ކޮށްދީފައިވަނީ ބުރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކޯސް ރަސްފޯޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު 31 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހާވޭ ބާންސްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑުން ލީޑު ނަގާފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު ބުރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުރުގުއޭ ފޯވާޑް ކަވާނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ލެސްޓާގެ ފޯވާޑް ވާޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު އެގާރަ މެޗުން ވެސް ބަލިވެފައި ނުވެއެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ ދެވަނަ ލިބެން އޮތް ނަމަވެސް، މި މެޗު އެއްވަރުވުމާއި ގުޅިގެން ޔުނައިޓެޑް މިވަގުތު އޮތީ އެ ޓީމު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. ދެވަނާގައި 15 މެޗުން ލިބުނު 28 ޕޮއިންޓާއިއެކު ލެސްޓާ ސިޓީ އޮތްއިރު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ލިވަޕޫލެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!