އިޓާލިއަން ސީރިއާ އޭގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމު މި ސީޒަންގައި ލީގުގައި ބަލިނުވެ އޮތްއިތުން ނިމުމަކަށް އައިސްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލަނޑުޖާފައެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ފްރޭންކް ރިބެރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ޑުއާން ވްލަހޮވިޗެވެ. މި ލަނޑާއިއެކު ޔުވެންޓަސްއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެ ޓީމަށް މައްސަލަ ކުރިމަތިވީ މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ކުއަޑާޑޯއަށް ރަތްކާޑު ދެއްކުމުންނެވެ. ކުއަޑާޑޯ ކުރި ފައުލާއި ގުޅިގެން ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ދަނޑުގެ އަރިމަތީގައި ބަހައްޓާފައި ހުންނަ ވީއޭއާރު މޮނީޓާއިން ރެފްރީ އިތުރަށް ބެލުމަށް ފަހު އެ ކާޑު ވަނީ ރަތްކާޑަކަށް ބަދަލު ކޮށްފައެވެ.

މެޗުގެ ބޮޑުބައި ޔުވެންޓަސް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ދޭތެރެ ދޭތެރެއިން ޔުވެންޓަސްއިން ފިއޮރެންޓީނާގެ ގޯލަށް ނުރައްކާ ކުރިނަމަވެސް އެ ޓީމަށް މެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ. ފިއޮރެންޓީނާގެ ދެވަނަ ލަނޑަކީ ޔުވެންޓަސްގެ ދިފެންޑަ ސަންޑްރޯ އަތުން ބައިކޮޅަށް ވަދެފައުވާ ލަނޑެކެވެ. މެޗުގައި ފިއޮރެންޓީނާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަ މާޓިން ސަސެރެސްއެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު، އަންގާރަ ދުވަހު އެ ޓީމަށް ވަނީ އިތުރު ތިން ޕޮއިންޓް ގެއްލިފައެވެ. އެއީ ލީގުގައި އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ކުޅެން އޮތް މެޗަށް ނާޕޮލީ ޓީމު ހާޒިރުނުވުމުން، އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ލީގުން ނިންމި ނަމަވެސް، ޔުވެންޓަސްއަށް ދިން ތިން ޕޮއިންޓް އަތުލަން އިޓަލީގެ އޮލިމްޕިކް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. މިހާރު އެ މެޗު އަލުން ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ.

ޔުވެންޓްސް ލީގުގައި އެ ޓީމު ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު މިވަގުތު ލީގުގެ ހަތަރުވަނާގައި އޮތްތއިރު، ރޭގެ މެޗުން މޮޅުވި ފިއޮރެންޓީނާ އޮތީ އެ ޓީމު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 14 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. މިވަގުތު އިޓާލިއަން ސީރިއާ އޭގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ މި ސީޒަނުގައި ލީގުގައި އަދި ބަލިވެފައި ނުވާ އޭސީ މިލާންއެވެ. އެ ޓީމު ކުޅުނު 13 މެޗުން އެ ޓީމުންވަނީ 31 ޕޮއިންޓް ހޯދާފައެވެ.