ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ރެއާލް ވަލަޑޮލިޑް ބައްދަލުކޮށް 3-0 ގެ ނަތީޖާއިން ބާސާ މޮޅުވި މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މެސީ މުގުރާލައިފިއެވެ.
ރެއާލް ވަލަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި 21 ވަނަ މިނެޓްގައި ބާސެލޯނާއިން ވަނީ ލަނޑުޖަހާފައެވެ. ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ޑިފެންޑަރ ކްލެމެންޓް ލޯންގްލޭއެވެ. ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލާފައިވަނީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ. ދެވަނަ ލަނޑު 35 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައުވަނީ ފޯވާޑް މާޓިން ބްރެއިތުވެއިޓްއެވެ.
ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މެސީ ވަނީ މުގުރާލާފައެވެ. ބްރެޒިލްގެ ކުލަބެއް ކަމުގައިވާ ސަންތޯސްއަށް 1956-1974 އަށް ޕެލޭ ކުޅެދިން 656 މެޗުން ޕެލޭ ޖަހާފައިވަނީ 643 ލަނޑެވެ. މި މެޗުގައި މެސީ ޖެހި ލަނޑާއިއެކު މެސީ ބާސާއަށް ކުޅެދިން 749 މެޗުގައި ޖެހި ލަނޑުގެ އަދަދުވަނީ 644 އަށް އަރާފައެވެ.
ބާސާ މިވަގުތު އެ ޓީމު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނާގައި އޮތްއިރު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އަންގާރަ ދުވަހުގެ ރޭ ރެއާލް ސޮސައިޑާޑް ގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދި އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ އެ ޓީމު ލީގުގައި ކުޅުނު 13 މެޗުން ލިބުނު 32 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!