އަދާލަތު ޕާޓީ (އޭޕީ)ގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށް އެޕާޓިން ބުނެފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީއިން މިގޮތަށް ބުނީ އެ ޕާޓީން ކޮށްފައިވާ ޓުވީޓެއްގައެވެ.

Ad
rt

އެ ޕާޓީން ބުނީ، އެ ޕާޓީގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެވިފައިނުވާ ކަމަށެވެ. އަދި އެ ޕާޓީން އެކަން އެގޮތަށް ހާމަކުރީ، ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތަކާއި ގުޅިގެން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށް އެޕާޓިން ބުނިއިރު، ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން އަދާލަތު ޕާޓީގެ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި، އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނޭ ކަމަށް އެ ޚަބަރު ގެނެސްދިން މީޑިއާތަކުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އުފެދުނުތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދާލަތު ޕާޓީގައި މިވަގުތު 6،600 އެއްހާ މެންބަރުން އެބަތިއްބެވެ.