ވަޒީފާއިން ވަކިކޮށް ޖަލަށްލާ އުލުގައި ބޭންދިޔަސް ފަހަތަކަށް ނުޖެހޭނެ ކަމަށް މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާއިން ވަކިކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ އަބްދުﷲ ބުނެފިއެވެ.
މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، މީސް މީޑިއާގައި ޚިޔާލު ފާޅުކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށްފައިވާ، ސުއޫދާ މިހެން ބުނީ އޭނާ ވަޒީފާއިން ވަކިކުރުމުން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ފޭސްބުކްގައި ހިއްސާ ކުރަމުންނެވެ.
އެ ޕޯސްޓްގައި ސުއޫދާ އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީނު މިނިވަންކުރަން އޭނާ ކުރަމުންދާ މަސައްކަތް، ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް ގެއަށް ވައްދާފައި ކަމަށެވެ.
މިއަދު ވަޒީފާގެއްލުނު ސޫދާއަކީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އޭރުގެ ސަރުކާރު ބަލިވުމުން، ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން ޕީޕީއެމް އޮފީސް ކުރިމަތީއޮތް އެއްވުމެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ނިސްބަތްކޮށް "އީސީ ޝަރީފޫ" އޭ ކިޔައި، ފާޑުކިޔާފައިވުމުން މަޝްހޫރުވެގެން ދިޔަ މީހެކެވެ.
މީގެއިތުރުން އެ ހަރަކާތްތަކުގެ ތެރެއިން އޭނާ ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާހެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހީމް އަށް ނިސްބަތްކޮށް "ސޭޓު އަންހެނުންގެ ފިރިމީހާ" އޭ ގޮވައިގެން ވެސް ގިނަ ބަޔަކަށް އެނގިގެން ގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޫދާއަކީ އޭރުގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާޙީމްގެ ''މެޑަމް އޮފީސް''ގައި އިސް ސަފުގައި މަސައްކަތް ކުރި މީހެކެވެ. އަދި 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި މެޑަމް އޮފީހުގެ ފަރާތުން ހދ. އަތޮޅުގެ ކެމްޕެއިންގެ އިސް މީހަކަށް ހުރީވެސް ސޫދާއެވެ.
ސޫދާ މިއަދު ވަޒީފާއިން ވަކިކުރިއިރު، އޭނާ ދިޔައީ ކެނޑިނޭޅި މިހާރުގެ ސަރުކާރަށް މީސް މީޑިއާގައި ފާޑުކިޔައި، ޚިޔާލު ފާޅުކުރަމުންނެވެ.
ސުއޫދާ އަށް އެމްޕީއެލް އިން ފޮނުވި ވަޒީފާއިން ވަކިކުރިކަމުގެ ޗިޓުގައި ބުނީ އެކުންފުނީގެ އެސިސްޓެންޓް އޮފިސަރުގެ މަގާމުން އޭނާ ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!