އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވެސްޓްހަމް ބައްދަލު ކުރި މެޗުން ޗެލްސީ މޮޅުވެއްޖެއެވެ
ހޯމަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރ މޭސަން މައުންޓް ނަގައިދިން ކޯނަރު، އެ ޓީމުގެ ބްރެޒިލް ޑިފެންޑަރ ތިއާގޯ ސިލްވަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައި މެޗުގައި ޗެލްސީއަށް ވަނީ ލީޑު ނަގައި ދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި 78 ވަނަ މިނެޓުގައި ޓިމޯ ވާނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ފޯވާޑް ޓެމީ އަބްރަހަމް އިތުރު ލަނޑެ ކާމިޔާބު ކޮށްދީފައިވާއިރު، އޭގެ ދެ މިނެޓް ފަހުން އަބްރަހަމް އިތުރު ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް މެޗުގައި ތިން ލަނޑުގެ ލީޑެއް ވަނީ ހޯދައިދީފައެވެ.
އިނގިރޭސި ލީގުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު އަމިއްލަ ދަނޑުގައި ވެސްޓްބްރޯމް ވަނީ އެސްޓަން ވިލާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ބާންލޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވުލްވެސް އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ވަނީ ކާމިޔާބު ކޮށްފައެވެ،
އިނގުރޭސި ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 14 މެޗުން 31 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، 14 މެޗުން 27 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ ދެ ވަނާގައި އޮތީ ލެސްޓާ ސިޓީއެވެ. 13 މެޗުން 26 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑް ޕޮއިންޓް ތާވަލުގެ ތިން ވަނާގައި އޮތްއިރު 14 މެޗުން 26 ޕޮއިންޓް ހޯދައިގެން ހަތަރު ވަނާގައި އޮތީ އެވަޓަންއެވެ. ވެސްޓްހަމް އަތުން ހޯދި މޮޅާއިއެކު ޗެލްސީން ލީގުގައި ކުޅުނު 14 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު އެ ޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފަސް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!