ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ފެލިވަރުގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ، ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ.

Ad
rt

މަސްވެރިން ދަނީ ފެލިވަރު ބަނދަރުގައި ތިބެގެން އިހުތިޖާޖު ކުރަމުން ކަމަށާއި، އެ އިހުތިޖާޖުގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސްވެރިން ބައިވެރިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން މައިގަނޑުގޮތެއްގައި އަޑުއުފުލަނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށް އެދިއެވެ. އަދި ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް އެ އިހުތިޖާޖުގައި ގޮވައިލާފައިވެއެވެ. މީގެއިތުރުން އިހުތިޖާޖުކުރާ މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރުމެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ އެ އިހުތިޖާޖުގެ ބައިވެރިން ބޭނުންކުރާ ބެނާއެއްގައި ވާގޮތުން މަސްވެރިން 4 ކަމަކަށް ވަނީ ޑިމާންޑް ކޮށްފައެވެ. އެ ގޮތުން މަހުގެ އަގު ވިހި ރުފިޔާއަށްވުރެ ދަށް ނުވާނޭހެން މަހުގެ ހަމައަގު ދެމެހެއްޓުމަށާއި އަދި ފެލިވަރުން މަސްވެރިންނަށް ލުއިފަސޭހަކަމާއިއެކު އައިސްލިބޭނެ އިންތިޒާމު ހަމަޖެއްސުން އޭގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން މިފްކޯގެ ދަށަށް ށ. ކީކިމިނި ގެންގޮސް، ބޭނުންކުރެވޭ ހާލަތަކަށް އެރަށް ގެނައުމަށާއި، ދުވަހުން ދުވަހަށް މަސްކިރޭނޭ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވެސް ޑިމާންޑް ކޮށްފައިވެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.