އަތޮޅުތެރޭގެ ގިނަ ސްކޫލް ތަކެއްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިގޮތުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކަކުން އަންނަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، ޢިއުލާން ކުރަމުންނެވެ.

Ad
rt

ސްކޫލްތަކުން އެކަމަށް ކޮށްފައިވާ ޢިއުލާންތަކުގައި ބުނެފައި ވަނީ އެ މަޤާމުތަކަކީ ސިވިލް ސަރވިސް ކޮމިޝަންގެ، 20 ނޮވެމްބަރ 2017 ދުވަހުގެ ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާންތަކެއް ކަމަށެވެ.

ގިނަ ޢަދަދެއްގެ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހިންނަށް ފުރުޞަތު ހުޅުވާލާފައިވާ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޕްރިންސިޕަލް ''ތިލަދުން''އަށް ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަންގެ، 20 ނޮވެމްބަރ 2017 ދުވަހުގެ ސަރކިއުލަރގެ ދަށުން އަހަރަކު ދެ ފަހަރު ސްކޫލްތަކުން މިފުރުޞަތު ހުޅުވާލަން ޖެހޭކަމަށެވެ.

''އަޅުގަނޑުމެން ޢިއުލާން ކުރިން މީގެ ކުރިންވެސް، އަނެއްކާ މިއަދު މިކުރީ، ސިވިލް ސަރވިސް ކޮމިޝަނުން އެބައޮވޭ މިކަމަށް ސަރކިއުލަރއެއް ފޮނުއްވާފާ، މީގެ ކުރީންވެސް ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިން ހޯދަން ޢިއުލާން ކޮށްފައިވާނީ''

އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން މިގޮތަށް ޢަމަލުކުރަމުން އައިނަމަވެސް މިއީ އެއްފަހަރާ ގިނަ ސްކޫލްތަކުން މި ފުރުޞަތު ހުޅުވާޅި ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މެތެމެޓިކްސް، ޖެނެރަލް ސައިންސް، އިނގިރޭސި، ކޮމްޕިއުޓަރ ސައިންސް، ކުރިއޭޓިވް އާރޓް، ފިޒިކްސް، ސޯޝަލް ސްޓަޑީޒް، ކެމިސްޓްރީ، ބައޮލޮޖީ، މެކޭނިކްސް، ބިޒްނަސް ސްޓަޑީޒް، ޓްރެވަލް އެންޑް ޓުއަރިޒަމް، ސްޓެޓިސްޓިކްސް އަދި ހޮސްޕިޓަލިޓީ ފަދަ މަޤާމްތަކަށް ދިވެހި ޓީޗަރުން ހޯދަން ސްކޫލްތަކުން ވަނީ ޢިއުލާން ކޮށްފައެވެ.

އަތޮޅުތެރޭގެ ގިނަ ސްކޫލް ތަކެއްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލަމުންދާއިރު، އަންނަ ޖެނުއަރީ މަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭނީ، އެ ރަށެއްގައި އާއްމު ސިއްހީ ހާލަތު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. އަދި އަންނަ އަހަރުފެށޭ، މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ދަރިވަރުންނަށް ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އިއްޔެ އަންގާފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް މި އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ މިދިޔަ ޖުލައި 1 ގަ އެވެ. ނަމަވެސް އޭރު ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފެށީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ސްކޫލުތަކުގައި އެކަންޏެވެ.