އިދިކޮޅުން ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު "ވިސްނާ"ގެ ނަމުގައި ޖަލްސާއެއް ވަރަށް "ސަޕްރައިޒިން" ކަންތައްތަކާއި އެކު ބާއްވަން ނިންމައިފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ މި ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި 8:30 ގައި ކަމަށެވެ.
މި ޖަލްސާއާ ގުޅިގެން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އެދި މާލޭ ސިޓީގެ މޭޔަރު އަދި އެޗްޕީއޭ އަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެޗްޕީއޭ އަށް ސިޓީ ފޮނުވި ނަމަވެސް އެންމެފަހުން އެ އެޖެންސީން އާންމުކުރި ގައިޑްލައިނުގައި މާލެ ސަރަހައްދުގައި މިފަދަ ހަފްލާތައް ބޭއްވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެޗްޕީއޭގެ ހުއްދައެއް ހަގީގަތުގައި ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި އަޅުގަނޑުމެން ބޭނުންވަނީ ކާނިވާ ސަރަހައްދު.އަޅުގަނޑުމެން އުންމީދުކުރަން މިފަހަރު މި ސަރުކާރަށް މިކަން ކުރަން [ޖަލްސާ ބޭއްވުމަށް ހުއްދަ ދޭން] ކެރޭނެކަމަށް،"
ޝުޖާއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސްތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށެވެ.
މިދިޔަ ލޮކްޑައުން ތެރޭގައި ވެސް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ކާނިވާ ސަރަހައްދު ހޯދަން އެދިފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރަށް އެކަން ކުރަން ނުކެރުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވަރަށް "ސަޕްރައިޒިން" ކަންތަތައްތަކަށް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ކުރިއަށްދާނީ ގައިދުކަން އިސްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅުން އަންނަނީ އޮންލައިންކޮށް ވެސް ޖަލްސާތަކެއް ބާއްވަމުންނެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހުގެރޭ ނައިފަރު އަދި މި މަހުގެ 26 ވަނަ ދުވަހުގެރޭ ގއ.ވިލިނގިލީގައި ވެސް މިފަދަ ޖަލްސާއެއް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!