ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައި އެކުލެވިގެންވާ ދެ ޕްލެނެޓްކަމަށްވާ ޖުޕިޓަރ އަދި ސެޓާރން، ވޭތުވެދިޔަ 400 އަހަރު ދުވަހުގެ ތެރޭގައި ގާތް ނުވާހާ ގާތަށް 21 ޑިސެންބަރުގައި ޖެހޭނެކަމަށް ފަލަކީ ޢިލްމުވެރިން ހާމަ ކުރަން ފަށައިފިއެވެ.

މި މަންޒަރު ހަނދުވަރު ރީތި ރެޔެއްކަމުގައިވާ ނަމަ، އުޑުން ވަރަށް ރީތިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ގިނަ ޢިލްމުވެރިންވަނީ އިއްތިފާގުވެފައެވެ.

Ad
rt

ކޮންމެ 20 އަހަރަކުން އެއްފަހަރު މި ދެ ޕްލެނެޓް އެކީ ހުރަސްކުރާއިރު، މި އަހަރު ތަފާތުވަނީ ކީއްވެތޯ ސުވާލުކޮށްލުން ބުއްދިވެރިއެވެ. މިކަމާ ގުޅިގެން ނާސާ އިން ޢާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހާ ގާތުން މި ދެ ޕްލެނެޓް ހުރަސް ކަނޑާފައިވާ ކަމަށް ވޭތުވެދިޔަ 400 އަހަރުގައިވެސް ފެނިފައެއް ނުވެއެވެ. އަދި އިންސާނުން ދިރިއުޅެމުން މިދާ ދުނިޔެއަށް ރޭގަނޑުގެ ގަޑީގައި މި ދެ ޕްލެނެޓް ހުރަސް ނުކަނޑާތާ 800 އަހަރު ވެފައިވާ ކަމަށްވެސް ނާސާއިން ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން، މި ފަހަރު މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށްވެސް މި ދެ ޕްލެނެޓް ހުރަސް ކަނޑާ މަންޒަރު ފެނިގެންދާނެ ފަހަރެއް ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ގިނަ ފަލަކީ ޢިލްމުވެރިން ބުނާ ގޮތުގައި، މި ފަހަރަކީ ތަފާތު ފަހަރަކަށް ވަނީ ހުޅަނގުގެ ޤައުމުތަކަށް ފިނި މޫސުމުގެ ދުވަސްވަަރުވުމުން، އިރު "ނޮދާރން ހެމިސްފިއަރ" އަށް އެޅިފައިވަނިކޮށް މި ދެ ޕްލެނެޓް ކައިރިން ދަތުރުކުރުމުންވެސް ތަފާތު ފަހަރަކަށް ވެއެވެ.

އަދި ނަޞާރާ ދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި މިއީ ކްރިސްމަސް ސްޓާރ ގޮތުގައިއެވެ.

މި ދެ ޕްލެނެޓް ކައިރިން އެންމެ ފަހުން ދުނިޔެއަށް ފެނިފައިވަނީ 1961 ވަނަ އަހަރުއެވެ. އަދި ކުރިއަށް ދެންފެންނާނެ ކަމަށް ލަފާކޮށްފައިވަނީ 2080 ވަނަ އަހަރުގައެވެ.