ސްޕެނިޝް ލީގުގައި ހޮނހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކޮށް 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑާއި މެސީ އަރާ ހަމަކޮށްފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެލެންސިއާއިންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާގެ މިޑްފީލްޑަރ ކާލޮސް ސޮލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ޑިފެންޑަރ ޑިއަޚަބީއެވެ.

Ad
rt

ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ދިފާއުކުރި ނަމަވެސް ރިބައުންސް ބޯޅައިގެ ބޭނުން ހިފައި މެޗުގެ ނަތީޖާ ބާސާއިންވަނީ ހާފް ނިމުމުގެ ކުރިން ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ. މި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑާއި މެސީވަނީ އަރާ ހަމަކޮށްފައެވެ. ބްރެޒިލްގެ ކުލަބެއް ކަމުގައިވާ ސަންތޯސްއަށް 1956-1974 އަށް ޕެލޭ ކުޅުދިން 656 މެޗުން ޕެލޭ ޖަހާފައިވަނީ 643 ލަނޑެވެ. މެސީ މި އަދަދަށް ބާސާ ޖޯޒީގައި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ކުޅެދިން 748 މެޗުންނެވެ.

މުޅިމެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ބާސެލޯނާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު 52 ވަނަ މިނެޓުގައި ރޮނާލްޑް އަރައުހޯ ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންސް ކުޅުންތެރިޔާ ލުއިސް ގަޔާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ފޯވާޑް މެކްސީ ގޮމޭޒް އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ.

މި ސީޒާންގައި ލީގުގައި ދަށް ނަތީޖާތަކެއް ހޯދަމުން އަނަން ބާސެލޯނާ މިވަގުތު އޮތީ އެ ޓީމު ލީގުގައި ކުޅުނު 13 މެޗުން ލިބުނު 21 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ. ވެލެންސިއާ މިވަގުތު އެ ޓީމު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 12 ވަނާގައި އޮތްއިރު، މިވަގުތު ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 12 މެޗުން 29 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑެވެ.