އިޓާލިއަން ސީރިއާގައި ޔުވެންޓަސްއާއި ޕާމާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕާމާގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުނނެވެ.
މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ، އެ ޓީމުގެ 20 އަހަރުގެ ސްވިޑަން ފޯވާޑް ކްލުސްވެސްކީއެވެ. އޭގެ ތިން މިނެޓް ފަހުން މޮރާޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މި ލަނޑާއިއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ރަމްސޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައިވާއިރު، މިއީ ރޮނާލްޑޯ މި ސީޒަންގައި ލީގުގައި ކުޅުނު ނުވަ މެޗުން ޖެހި ބާރަވަނަ ލަނޑެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގައި މި އަހަރު އެންމެ ގިނަ ލަނޑުޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ވަނީ ހިމެނިފައެވެ. ބަޔާން މިޔުނިކްގެ ފޯވާޑް ލެވަންޑޯސްކީ އަދި ރޮނާލްޑޯ މި ދެ ކުޅުންތެރިން މި އަހަރުގެ ލީގުގައި މިހާތަނަށް ވަނީ 32 ލަނޑު ކާމިޔާބު ކޮށްފައެވެ.
މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާއެވެ.
ޔުވެންޓަސްގެ ކޯޗުކަމާ އަންދްރޭ ޕިރްލޯ ހަވާލުވިފަހުން އެ ޓީމުން ލީގުގައި މިހާތަނަށް ބަލިވެފައިނުވާއިރު، މިވަގުތު އިޓާލިއަން ސީރިއާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އޭސީ މިލާން ވެސް މި ސީޒަންގައި ލީގުގައި އަދި ބަލިވެފައިނުވެއެވެ.
ޔުވެންޓސްއިން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތްއިރު، ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއިއެކު މިވަގުތު ލީގުގެ އެއްވަނާގައި އޮތީ އޭސީ މިލާނެވެ. ދެވަނާގައި އޮތީ 12 މެޗުން 27 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!