މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާއި، ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، އެ ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމްޓީސީސީގެ 40 އަހަރުގެ ތާރީޚުގައި ވަރަށް ތަފާތު އެތައް ދުވަސްތަކެއް މާޒީވެގެން ހިނގައްޖެ ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ގޯސްވެ، ފައިދާއެއްނުވެ ހިންގަންޖެހުނު ދުވަސްތައްވެސް ފާއިތުވެގެން ހިނގައްޖެ ކަމަށެވެ.

ނަމަވެސް، މިހާރު ކުރިމަތިވެފައި މިވާ ކޯވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެކުންފުނީގެ މުޅި ތާރީޚުގައިވެސް އެންމެ ފައިދާ ބޮޑު އަހަރުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

''އެހެންކަމުން، ކުންފުނީގެ ހިންގުންތެރި ލީޑަޝިޕަށާއި ހުރިހާ މުވައްޒަފުންނަށް، ޚާއްޞަކޮށް ކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެމް.ޓީ.ސީ.ސީ.ގެ ކުރީގެ ބޯޑްތަކުގެ މެމްބަރުންނަށާއި، މިދިޔަ 40 އަހަރުގެ ތެރޭގައި، މިކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން.''

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު ކުރިމަތިލާންޖެހިފައި މިވަނީ ވަރަށް ބޮޑު ބަދަލަކާ ކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް މިއޮތީ ފަށަން ޖެހިފައި ކަމަށާއި، އެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދަން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ.

''މިއަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި. އޭގެ ތެރޭގައި 17 ރަށެއްގެ ބަނދަރު ހެދުމާއި، 27 ރަށެއްގެ ބަނދަރު ފެންވަރު މަތިކުރުމާއި، 2 ރަށެއްގައި ސަރަޙައްދީ ބަނދަރު ޤާއިމުކުރުމާއި، ބަނދަރު ތޮށިލުމުގެ 5 މަޝްރޫޢެއް މިއަންނަ އަހަރަށް ކަނޑައެޅިފައި އެބަހުރި. އޭގެ އިތުރުން 22 ރަށެއްގެ މަގުތައް ހެދުމާއި، 23 ރަށެއްގެ ބިން ހިއްކުމާއި، 79 ރަށެއްގައި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.''

ރައީސް ވިދާޅުވިއެވެ.

މިއީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ތެރެއިން، އިސްކަން ދީގެން މިއަންނަ އަހަރުގެ ތެރޭގައި ފެށުމަށް މިހާރު ރޭވިފައި ހުރި ބައެއް މަޝްރޫޢުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

'' މީގެ ތެރެއިން މިކުންފުންޏާ ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަން އަޅުގަނޑަށް ޔަޤީން. މިހެން މިދެންނެވީ، ހަމައެކަނި މިއަހަރުގެ ތެރޭގައިވެސް، މިކުންފުނީގެ ޤާބިލްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައިވާތީ. ކޯވިޑް-19ގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް މުޅިންހެން ހުއްޓުނު. ވަރަށް ގިނަ މަޝްރޫޢުތަކަށް ބުރޫއެރި. އިމްޕޯރޓް އެކްސްޕޯރޓް ވަރަށް ބޮޑަށް ދަށަށް ދިޔަ. ކޯވިޑްގެ މި ހުރަސްތަކާ އެކުވެސް، މިއަހަރުގެ ފުރަތަމަ 9 މަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން މިކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް.''

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޓީސީސީގެ މުޅި ތާރީޚުގައިވެސް، އަހަރެއްގެ ފުރަތަމަ 9 މަހުގެ ތެރޭގައި ލިބުނު ސާފު ފައިދާ އާއި އާމްދަނީވެސް އެންމެ މައްޗަށް ދިޔައީ މިއަހަރުގެ ތެރޭގައިކަން ފާހަގަ ކުރަށްވާ ކަމަށެވެ.

ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ނިންމާލެއްވުމުގެ ކުރީން، އެމްޓީސީސީގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތް ވެސް އިފްތިތާޙު ކޮށްދެއްވާފައެވެ.