ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރިހޯދައި، ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްފި އެވެ.
ލެވަންޑޯސްކީ އެ އެވޯޑު ހޯދިކަން އިއުލާންކޮށްފައި ވަނީ ޒިއުރިކްގައި ބޭއްވި ހާއްސަ ވާޗުއަލް ހަފްލާއެއްގައެވެ. ލެވަންޑޯސްކީއާއެކު އެވޯޑުގެ ގަދަ ތިނެއްގައި ހިމެނިފައިވަނީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ވަނީ ބަޔާނަށް މިދިޔަ އަހަރު ކުޅުނު 47 މެޗުން 55 ގޯލް ޖަހައިފައެވެ. އޭނާ އަހަރު ނިންމާލީ ޖަރުމަނު ލީގާއި، ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި އޭނާ ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ލެވަންޑޯސްކީ ފީފާ އެވޯޑް ހޯދީ 52 ސްކޯރިން ޕޮއިންޓް ހޯދައިގެންނެވެ. މިގޮތުން ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން އޭނާ އަށް 554 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 631 ޕޮއިންޓް، މީޑިއާގެ ފަރާތުން 807 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 679,997 ޕޮއިންޓް ލިބިފަ އެވެ.
ދެ ވަނަ އަށް ދިޔަ ރޮނާލްޑޯގެ ސްކޯރިން ޕޮއިންޓަކީ 38 ޕޮއިންޓެވެ. އަދި ތިން ވަނަ އަށް ދިޔަ މެސީގެ ސްކޯރިން ޕޮއިންޓަކީ 35 އެވެ.
މި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް މިދިޔަ އަހަރު ވެސް އެ މަގާމު ހޯދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހޯދިއިރު، އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އިންގްލެންޑްގެ ލޫސީ ބްރޮންޒް އެވެ. އަދި މި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ އެވެ.
ރޭގެ އެވޯޑް ހަފްލާގައި ފީފާ އިން ވަނީ މި އަހަރު މަރުވި ފުޓްބޯޅައިގެ ދެ ލެޖެންޑް، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އާއި އިޓަލީގެ ޕައޮލޯ ރޮސީގެ ހަނދާން އާ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!