އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ހޯދައި ދިނުމަކީ ރައްޔިތުން މިހާރު ތިބި ނިކަމެތި ހާލަތުން އަރައިގަތުމަށް އެޅޭނެ ހަރުދަނާ ބިންގަލެއް ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުއްޤާދިރު (ހަސަނާ) ބުނެފިއެވެ.
އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ އިސްސަފުން ފެންނަ ހަސަނާ މިހެން ބުނީ ކޮށްފައިވާ ޓުވީޓެއްގައި އެވެ. އަދި އޭނާ ބުނީ މިހާރު މިއޮތް ހާލަތު ކުރިމަތިވެގެން އުޅެނީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށެވެ.
އެ ޓުވީޓުގައި ހަސަނާ ބުނެފައި ވަނީ މި ސަރުކާރުގެ ނާޤާބިލް ކަމުން ރައްޔިތުންނަށް ކުރިމަތިވެފައިމިވާ ތަދުމަޑުކަމުން އަރައިގަތުމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީޕީއެމް،ޕީއެންސީއަށް ހޯދައި ދިނުމަކީ އިޤްތިޞާދު ހަރުދަނާކޮށް ރައްޔިތުން މި ނިކަމެތި ހާލަތުން އަރައިގަތުމަށް އެޅޭނެ ހަރުދަނާ ބިންގަލެއް ކަމަށެވެ.
މި ސަރުކާރުގެ ނާޤާބިލް ކަމުން ރައްޔިތުންނަށް ކުރިމަތިވެފައިމިވާ ތަދުމަޑުކަމުން އަރައިގަތުމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީPPM-PNC އަށް ހޯދައި ދިނުމަކީ އިޤްތިޞާދު ހަރުދަނާކޮށް ރައްޔިތުން މި ނިކަމެތި ހާލަތުން އަރައިގަތުމަށް އެޅޭނެ ހަރުދަނާ ބިންގަލެއް!
— Hasa Na (@Hasa_Naa) December 12, 2020
ހަސަނާ މިގޮތަށް ބުނެފައިވާއިރު، ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކެމްޕޭނު ކުރުމުގެ ފުރުޞަތު ހިފަހައްޓާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ އިސްވެރިން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކޯވިޑްގެ ހާލަތުން އަދިވެސް އަރައިގަނެވިފައި ނުވިޔަސް އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ އަހަރުގެ މާރިޗް މަހު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އަމާޒު ހިފާފައެވެ.
ކޯވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓި، އޭގެ އަސަރު ރާއްޖެއަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ނަމަވެސް މިހާލަތުގައި ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދަނީ ބައެއް އިންތިޚާބުތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!