ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އެ ޖަމިއްޔާގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށްގެން 1 ބިލިޔަން ޑޯސޭޖްވަނީ ކޯވިޑް-19 އާއި ދެކޮޅަށް ހަދަމުންދާ އެންމެ ކުރީސަފުގައިވާ ވެކްސިންތަކުން ރައްކާކޮށްފައެވެ.
އެ ޖަމިއްޔާގެ 'ކޯވެކްސް' ޕްރޮގުރާމްގެ ދަށުން މިހާތަނަށް 189 ޤައުމެއް ބައިވެރިވެފައިވާކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްތަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ވަނީ ވިދާޅުވެފައެވެ.
އެ ޖަމިއްޔާއިން މި ވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ، ދުނިޔޭގައި މި ވަގުތު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާ، މޮޑާރނާ ނުވަތަ އަސްޓްރާ ޒެނީކާގެ ތެރެއިން ކުއްލި ހުއްދަ ދޭނެ ވެކްސިންއެއް ފާސްކުރުމުގެ މަސައްކަތެވެ.
ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޮމްޔާ ސްވާމިންތަން ވިދާޅުވިގޮތުގައި، އެ ޖަމިއްޔާގެ ފަރާތުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފައިޒާގެ ވެކްސިން ކުރިއަށްދާ ގޮތެއް ބެލުމަށްފަހު، ހުއްދަ ދެވިގެންދާނެއެވެ. އަދި އިތުރަށް ތަހުލީލުކުރުމަށްފަހު މޮޑާރނާ އަދި އަސްޓްރާ ޒެނީކާގެ ވެކްސިންއަށްވެސް ހުއްދަ ދެވިގެންދާނެ ކަމަށް ބެލެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިންއަކަށް ހުއްދަ ދިނުމަށްފަހު ބައެއް ޤައުމުތަކުގައިވެސް އެ ވެކްސިން ބޭނުން ކުރެވޭނެއެވެ. ސަބަބެއް ކަމުގައި ބެލެވެނީ، އެ ޤައުމުތަކުގެ ސިއްޙީ އިދާރާތަކަކީ، މި ވެކްސިން އިތުރަށް ތަހުލީލު ކުރެވޭ ފަދަ ޤާބިލިއްޔަތުކަން ލިބިފައިނުވާ ޤައުމުތަކަށް ވުމެވެ.
ދުނިޔޭގައި މި ވަގުތު ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރޭ މިންވަރަށް މާބޮޑު ބަދަލެއް ނާންނައިރު، މިހާތަނަށް 69.4 މިލިޔަން މީހުންނަށް މި ބަލިވަނީ ޖެހިފައެވެ. އަދި 1.58 މިލިޔަން މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!