އެމެރިކާއިން ހުއްޓުމެއްނެތި ކޯވިޑް19އަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ކުރަމުންއަންނަ އިރު، އިނގިރޭސިވިލާތުން އެ ޤައުމުގައި ތަހުލީލު ތަކުގެ ބޭރުން ވެކްސިން ދޭން ފަށައިފިއެވެ.

ޓްރަމްޕް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ކެނޑިނޭޅި ވެކްސިން އެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ އިރު، އިނގިރޭސިވިލާތުގައި ޢާންމުގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ 90 އަހަރުގެ އަންހެނަކަށެވެ.

Ad
rt

މިހާތަނަށް އެމެރިކާއިން އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވާއިރު، މިދިޔަ ހަފްތާ އެކަނިވެސް އެޤައުމުން ވަނީ 15،000 މީހުން މަރުވެފައެވެ. މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ވެކްސިންއެއްގެ ބޭނުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެމެރިކާއިންނެވެ.

އިނގިރޭސިވިލާތުގައިވެސް ހުއްދަ ދީފައިވާ ވެކްސިންއެއް ކަމަށްވާ ފައިޒާ ވެކްސިން އަށް އެމެރިކާއިންވެސް ހުއްދަ ދިނުމުގެ މަސައްކަތް އެ ޤައުމުން އަންނަނީ ކުރަމުންނެވެ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބަލާލާއިރު، ޗައިނާ އަދި ރަޝިޔާއިން އެ ދެ ޤައުމުގެ އަމިއްލަ ވެކްސިންއެއް ތައްޔާރުކޮށް އެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ހުޅަނގު ޤައުމުތަކުގެ ތެރެއިން މިހާތަނަށް ޢާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހަމައެކަނި އިނގިރޭސިވިލާތުން އެކަންޏެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފައިޒާ ވެކްސިންއާއި މެދު ގޮތެެއް ނިންމުމަށް ބުރާސްފަތި ދުވަހު ބައްދަލުކުރުމަށް ނިންމާފައިވާ އިރު، އެމެރިކާގެ ހެލްތު އޮފިޝަލުން އުންމީދު ކޮށްގެން ތިބީ މި ވެކްސިންއަށް ފެހި ސިގްނަލްއެއް ލިބިގެންދާނެ ކަމަށެވެ.

އަދި އަންގާރަ ދުވަހު ރައީސް ޓްރަމްޕް ސޮއި ކުރަން ހަމަޖެހިފައިވާ އެގްޒެކެޓިވް އޯޑަރގައި ބުނާ ގޮތުގައި އެ ޤައުމުގައި ވެކްސިންއަކަށް ހުއްދަ ދެވުމާއި އެކު، އެ ޤައުމުން އެންމެ ފުރަތަމަ އިސްކަމެއް ދޭނީ އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް ފައިޒާގެ އޯޑަރުތަކަށް ބަލާއިރު، އެމެރިކާއިން ބޭނުންވާ ވަރަށް ފައިޒާއިން ވެކްސިން ދިނުމަށް އުޒުރުވެރިވެފައިވެއެވެ. އަދި މި ވެކްސިން އެމެރިކާ ބޭނުންވާ މިންވަރަށް ފޯރު ކޯށްދެވޭނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ސަބަބެއް ކަމުގައި ބެލެވިފައިވަނީ، ފައިޒާގެ ފަރާތުން އެހެން ޤައުމުތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކެވެ.