ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ގޭސް ނުލިބުމުގެ ސަބަބުން 5 މީހުން މަރުވެއްޖެކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ މި ހޮސްޕިޓަލުގައި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އައި މި ބަލި މީހުންނަށް އެ ހޮސްޕިޓަލުގެ އިހުމާލުން އޮކްސިޖަން ނުލިބުމުގެ ސަބަބުން ނޭވާލުމަށް ދަތި ވުމުގެ ސަަބަބުން ވަނީ މަރުވެފައިއެވެ. އަދި މި ކަމުގެ އިހުމާލުގައި އެ ހޮސްޕިޓަލުން 7 ފަރާތެއް މިހާތަނަށް ސަސްޕެންޑް ކޮށްފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
"މިހާތަނަށް ބެލި ބެލުމުން، އޮކްސިޖަން މަދުވިކަން ވަނީ ބަލަންޖެހޭ މީހުންނަށް ނުބެލި، ވާނުވާ ނޭނގި އަޅާނުލާފައި. ބެކްއަޕް އޮކްސިޖަންވެސް ގުޅަންޖެހޭ ގަޑީގައި ގުޅާފައިއެއް ނުވޭ"
މިކަމާއި ގުޅިގެން އެ ޤައުމުގެ ނޫސްތަކުން އާންމު ކުރި ރިޕޯޓުގައި ބުނެފައިވެއެވެ.
އިންޑިޔާގެ ގިނަ ނޫސްތަކުން މަޢުލޫމާތު ދޭ ގޮތުގައި، އެ ހޮސްޕިޓަލުގެ ޑިރެކްޓަރުވެސް ވަނީ މި ފަސް މީހުންގެ މަރާއި އެކު ގޭގައި މަޑު ކުރުމަށް އަންގާފައެވެ. ނަމަވެސް، އެ ހޮސްޕިޓަލުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ތައިމޫރް ސަލީމް ޖަގްރާ، ޕްރޮވިންޝިއަލް ހެލްތް މިނިސްޓަރ ވިދާޅުވެފައިވަނީ، ކަމާބެހޭ ފަރާތްތަކުން ކުރިއަށް އޮތް ދުވަސް ތަކުގައި ދެވަނަ ރިޕޯޓެއް މިކަމާއި ބެހޭ ގޮތުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ރިޕޯޓުގައި ކަން ހިނގިގޮތް ތަފްޞީލުކޮށް ބަޔާން ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެ ހޮސްޕިޓަލުގައި ރޭގަނޑު8 ޖެހިއިރު ވެސް ހުރި އޮކްސިޖަން މަދު. ނަމަވެސް، ދަންވަރު12 ޖެހި އިރު ވެސް މައްސަލަ ހައްލުނުވެފައިވަނީ ކީއްވެ؟"
މި ކަމާއި އޭނާ ސުވާލު އުފައްދަމުން ބުނެފައި ވެއެވެ.
އެ ހޮސްޕިޓަލުން މިކަމާއި ގުޅިގެން ބުނެފައިވާ ހަމައެކަނި ބަހަކީ، އެ ހޮސްޕިޓަލުގެ އޮކްސިޖަން އަށް ބުރޫ އަރާފައިވާ ކަމަށާއި، މީގެ ސަބަބުން 200 ބަލި މީހުންނަށް މިކަމުގެ އުނދަގޫ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 100 އެއްހާ ބަލިމީހުންނަކީ ކޯވިޑް-19 ގެ ބަލިމީހުން ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!