ފުލުހުންގެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެޕާޓީއިން މިގޮތަށް ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް އަންނާނެ ހެޔޮ ބަދަލާމެދު އެޕާޓީން ދެކޭގޮތް ހާމަ ކުރުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްޑީޕީއިން ބުނީ ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒު ކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއް ކަމަށެވެ.
"ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހެއެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހެއެވެ. މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެއެވެ."
އެމްޑީޕީއިން ބުނެފައިވެއެވެ.
މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުން ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުން ކަމަށާއި، އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
''ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭނެއެވެ. އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަމެވެ.''
އެމްޑީޕީއިން ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެއް ކަމަށް ވެސް އެމްޑީޕީއިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެއީ އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއް ކަމަށާއި، އެއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއްކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒު ކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއް ކަމަށް އެމްޑީޕީއިން ބުނެފައިވާއިރު، މަޖިލީހުގައި އެ ބިލުގެ ކޮމެޓީ މަރުހަލާގައި، އެ ބިލުގެ މަސައްކަތް ކުރި މަޖިލިސްގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީން ވަނީ ފުލުހުން ތެރޭ ބަޣާވާތްކޮށްފި ނަމަ އެކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ވަކިން ދައުވާ ކުރެވޭ ގޮތަށް ފުލުހުންގެ ބިލުގައި ހިމަނައި، އެ ބިލުގައި "ބަޣާވާތްކުރުން" އެ ބަހުގެ މާނަ ވަރަށް ފުޅާކޮށް ލިޔެ، ބަޣާވާތުގެ އަމަލުތައްވެސް ބަޔާންކޮށްފައެވެ.
އެގޮތުން ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޣާވާތްކުރުން ކަމަށް ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!