ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ބޭރުގެ މަސްބޯޓު ހުޅުމާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާރު އެމައްސަލަ ބެލުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ. ކ.މާފުށީގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އިއްޔެ އެ ބޯޓު ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސް މިއަދު ހަވީރު 05:15 ހާއިރު ހުޅުމާލެ ފަޅަށް ވައްދާފައިވާކަމަށެވެ.
6 ފަޅުވެރިން ތިބި އެ މަސްބޯޓް ފެނިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިންނެވެ.
މިކަމުގެ ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓްވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައެވެ. އަދި އިންޑިއާއިން ރީޕީޓުގެ މަސައްކަތް ނިންމައި ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު އެެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދުގައި ޤަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން އަންނަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި ހިވާގި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެމްއެންޑީއެފުންވަނީ މަސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!