ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި "ވީއާރް ކެފޭ" އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގެ ފުރަތަމަ ފްލޯގައި ހުޅުވައިފިއެވެ.
މިކެފޭ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ. ވީއާރް ކެފޭގެ ނަމުގައި މާލޭގައި މުޅިން އަލަށް ހުޅުވުނު މިކެފޭ އަކީ ރާއްޖޭގައި އެޅިގެން ދިޔަ ވާޗުއަލް ރިއަލިޓީގެ މުހިންމު ބިންގަލެކެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މި ކެފޭ ރާއްޖޭގައި ހުޅުވީ ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
މި ރަސްމިއްޔާތުގައި ވީއާރް ކެފޭގެ ޕާޓްނަރެއްގެ ގޮތުގައި މިނި މޮންސްޓާ އަދި ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކެފޭގެ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައި އެކަން ވަނީ އިއުލާނުކޮށްފައެވެ.

"ވީއާރް ކެފޭ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަޚުލޫފް ވިދާޅުވީ މިކެފޭ ހުޅުވައިދެއްވުމުގެ ފުރުޞަތުލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި މިކަމަކީ ރާއްޖެ ތަރައްޤީވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުން ވަރަށް މުހިންމުކަމަށާއި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުމާއިވެސް މިކަން ވަނީ ގުޅިލާމެހިފައިކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުން މި ޓެކްނޮލޮޖީ އާއި ގުޅިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ބަދަލުގައި މިފަދަ ޒަމާނީ އީޖާދުތަކަށް ޒުވާނުން އަހުލުވެރިވެ ތަރައްޤީއަށް ލޯ ހުޅުވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އިންޑޯ އަދި އައުޓްޑޯ ބައެއް ހިމެނޭހެން ފަރުމާކޮށްފައިވާ މިކެފޭގެ އިންޑޯ އޭރިއާގައި ވީއާރް ގޭމް އޭރިއާގެ އިތުރުން ގޭމަށް ފަހު އަރާމުކޮށްލާ ހަމަޖެހިލުމަށް ހާއްސަ ސަރަހައްދެއް ވެސް ވެއެވެ. ކެފޭގެ އައުޓްޑޯ އޭރިއާ ހާއްސަކުރެވިފައިވަނީ ޑައިނިން އަށެވެ. އެގޮތުން މި ކެފޭއިން މީރު ބުއިންތަކުގެ އިތުރުން ތަފާތު އެކި އެކި ކާ އެއްޗެހި ވެސް ލިބިގެންދާނެއެވެ. މި ކެފޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރެވިފައިވާ ކަމުން މިތަނަކީ ރާއްޓެހިންގެ އިތުރުން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ވެސް އެންމެ ކަމުދާނެ ތަނެކެވެ.

ވާޗުއަރ ރިއަލިޓީ ނުވަތަ ވީއާރ އަކީ، ވަކި ޚާއްސަ ހެޑްސެޑްއެއްގެ އެހީގައި ދުނިޔަވީ ނޫން މަންޒަރެއް ކޮންޕިއުޓަރ ޓެކްނޮލޮޖީގެ އެހީގައި ދައްކާލުމެވެ. މި ހެޑްސެޓް އިން އޯގްމެންޓޭޓިވް އަދި ވާޗުއަލް ޓެކްނޮލޮޖީގެ އެހީގައި ޚިޔާލީ ދުނިޔެއަކަށް މީހާ ފޮނުވާލައެވެ. ވާޗުއަލް ރިއަލިޓީގައި ފެންނަ ޚިޔާލީ ދުނިޔޭގައި ފެންނަ ޚިޔާލީ ތަކެތީގައި އަތްލެވި ކަންތައް ކުރެވޭނެއެވެ. ވާޗުއަލް ރިއަލިޓީގެ މައިގަނޑު އަމާޒަކީ ޚިޔާލީ ދުނިޔޭގައި ފެންނަ މަންޒަރާއި އަޑަކީ، ހަޤީޤީ އަޑުތަކާއި މަންޒަރުތައް ކަމަށް ސިކުނޑިއަށް ވިސްނައިދިނުމެވެ. މިކަމުގެ ސަބަބުން ވާޗުއަލް ރިއަލިޓީގައި ހިނގާ ކަންމަކީ އަސްލު ވާ ކަންކަން ކަމަށް އިޙްސާސް ކުރެވޭނެއެވެ.

ވީއާރް ކެފޭގައި ގާއިމްކޮށްފައިވަނީ ވާޗުއަލް ރިއަލިޓީގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑު ކަމަށްވާ އޮކިއުލަސް ކުއެސްޓުގެ އިތުރުން އެސްޓީސީ ވައިވްގެ ގޭމިން ސިސްޓަމެވެ. އޮކިއުލަސް ކުއެސްޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޯލް އިން ވަން ވީއާރް ގޭމިން ސިސްޓަމެވެ. މީގެ އިތުރުން ވީއާރް ކެފޭއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޓުއިކްސް އޮމްނީ ގޭމިންގެ ހިދުމަތް ވެސް ފަށާފައެވެ. ވާޓުއިކްސް އޮމްނީ އަކީ ޚިޔާލީ ދުނިޔޭގައި ހިނގައި، ދުވެ އުޅޭވޭ ގޮތަށް އުފައްދާފައިވާ ވީއާރް މޯޝަން ޕްލެޓްފޯމެކެވެ.
Excited to share that Ooredoo is the Digital Partner of the first Virtual Reality Café in the Maldives @vrcafeMV, that provides a unique space for people of all ages to enjoy good food & experience the cutting edge technology, Virtual Reality.#DigitalMaldives #EnjoytheInternet pic.twitter.com/TSYXTKgXSw
— Ooredoo Maldives (@OoredooMaldives) November 30, 2020
ކޮވިޑް-19 އާ ގުޅިގެން ވީއާރް ކެފޭއިން ވެސް ވަނީ ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކެފޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް މާސްކު އަޅައި ރައްކާތެރިވެ ތިބޭއިރު، ކޮންމެ ވީއާރް އެކްސްޕީރިއެންސަކަށް ފަހު، ޔޫވީސީ ޑިސްއިންފެކްޓިން ބޮކްސްތަކުގެ އެހީގައި ހުރިހާ ގިއަރެއް ސެނިޓައިޒް ކުރެވިގެންދާނެއެވެ. ހަމައެހެންމެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވީއާރް ހެޑްސެޓު ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ފޭސް މާސްކުގެ އިތުރުން ވީއާރް ހެޑްސެޓް މާސްކު ވެސް އަޅަން ޖެހޭނެއެވެ.
ހާފްޓޯން މޯލްޑިވްސް އިންބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި ވީއާރްގެ ހިދުމަތް ފުޅާ ކުރުންކަމަށާއި އެގޮތުން ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ވީއާރް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން "ވީއާރް އެސްކޭޕް ރޫމްސް" ތައާރަފް ކުރުމަށްވެސް ވިސްނަމުން އަންނަ ކަމުގައެވެ. ގޭމިންގެ އިތުރުން ވެސް ވީއާރް ހިދުމަތަކީ އުނގެނުމަށާއި ދަސްކޮށްދިނުމުގައި ކްލާސްތަކުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. މީގެ އިތުރުން ނަފްސާނީ ބައެއް ބަލިތަކަށް ފަރުވާ ދިނުމަށް ވެސް ވީއާރް ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!