އިންޑޮނޭޝިޔާގެ ނުސާ ތެންގާރާ ހިސާބުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ.
މިހާތަނަށް މަޢުލޫމާތު ލިބޭ ގޮތުގައި މި އަލިފާން ފަރުބަދަ ގޮވައި، އެ ފަރުބަދަ ގޮވުމުގެ ސަބަބުން 4 ކިލޯމީޓަރު ދުރަށް އަލިފާނާއި ދުމުގެ އަސަރު ދަނީ ކުރަމުންނެވެ. އަދި މި ކަމުގެ ސަބަބުން މިހާތަނަށް 2700 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިޔާއަކީ މި ފަދަ 100 އެތައް އަލިފާން ފަރުބަދަ އެކުލެވިގެންވާ ޤައުމެކެވެ. އަދި އަހަރެއްގެ މައްޗަށް މިފަދަ އެތައް ހާދިސާތަކެއް އެޤައުމުގައި ހިނގައެވެ.
އެގައުމުގެ އޮފިސަލަކު ވިދާޅުވިގޮތުގައި، މައުންޓް އިލޭ ލެވޯތޮލޮކް ގޮވުމުގެ ސަބަބުން އެ ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި 2600 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް ޖަކާޓާގައިވެސް ދަނީ މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ތައްޔާރީ ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް އެ ޤައުމުގެ ސަރުކާރުން ބުނާ ގޮތުގައި 2700 މީހުން 26 އަވަށަކުން ވަނީ ސަލާމަތްކޮށްފައެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިންޑޮނޭޝިޔާގެ ވޮލްކެނޮލޮޖީ އެންޑް ޖިއޮލޮޖިކަލް ހަޒާޑް މިޓިގޭޝަން ސެންޓަރުގެ ވެބްސައިޓުގައި ބުނާ ގޮތުގައި މި އަލިފާން ފަރުބަދަ ހުރި ހިސާބުގައި ގިނަ ޢަދަދަކަށް ވިހަ ގޭސް އެކުލެވޭ ކަމަށާއި، އަދި އަލިފާނުގެ އަސަރުވެސް ވަރަށް ބޮޑަށް ހުރި ކަމަށެވެ.
އަދި މި ހާދިސާގައި މިހާރު ވަނީ މި ފަރުބަދަ ގޮވުން ލެވެލް ދެއަކަށް މަތިކޮށްފައެވެ. އެ ސެންޓަރުގެ އިސް ވެރިޔާ ކަސްބާނީ ވިދާޅުވިގޮތުގައި ލެވެލް މަތިކޮށްފައިވަނީ މި ކަމުގެ ސީރިޔަސް ކަމަށް ރިޢާޔަތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!