ސާރާ ޝުރައިހް މުޙައްމަދު ދުނިޔެއަށް އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ.

މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތުވެފައިވާއިރު މިހާތަނަށް ސާރާގެ ބޮޑު ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ނަމަވެސް މިއަދާ ހިސާބައް ވެސް ސާރާގެ މައިބަދައިގައި އުފެދިފައިވާ ޓިއުމަރު އެއްކޮށް ނައްތާލެވި އާންމު ހާލަތަކަށް ސާރާ އައިސްފައިނުވެއެވެ. އިތުރަށް މިކަމަށް ވަނީ ފަރުވާ ކުރަން ޖެހިފައެވެ.

Ad
rt

އިންޑިޔާގައި މެދުކެނޑުމެއްނެތި އަށްމަސް ދުވަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހުމުގެ ސަބަބުން ސާރާއަށް ފަރުވާ ކުރުމުގައި އެ އާއިލާއަށް ވަނީ މާލީގޮތުން ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ.

މިކަމަށް ހައްލު ހޯދައިދީ ސާރާގެ ބައްޔަށް އިތުރު ފަރުވާ ކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ ގޮތުން މަކުނުދޫ ޔޫތު މޫވްމެން ޖަމްޢިއްޔާއިން "ސާރާ އާއިއެކު މަކުނުދޫ" ގެ ނަމުގައި ހަރަކާތެއް ވަނީ ފަށާފައެވެ.

ތިންބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި ހަރަކާތުގައި، އެއްބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރަށުގެ މުއައްސަސާތަކުގެ މުއައްޒަފުންގެ އެއްދުވަހުގެ މުސާރަ ސާރާއަށް އެހީތެރިވެ ދިނުމުގެ ގޮތުން ހަދިޔާކުރުމެވެ. މި ހަރަކާތުގައި މަކުނުދޫ ސްކޫލާއި، މަކުނުދޫ ކައުންސިލާއި، މަކުނުދޫ ހެލްތު ސެންޓަރާއި، މަކުނުދޫ މެޖިސްޓްރޭޓް ކޯޓާއި، މަކުނުދޫ ޕޮލިސްގެ އިތުރުން މަކުނުދޫ ފެނަކަ ބްރާންޗުންވަނީ ބައިވެރިވެފައެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުގައި މިކަމަށް ހާއްސަ ކުރެވިފައިވާ ފަންޑް ފޮއްޓާއިއެކު ރަށުތެރޭގައި ބަގީބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ހަރަކާތެއްގެ ގޮތުގައި އޮންލައިންކޮށް ފައިސާ ޓްރާންސްފާކޮށް ރާއްޖޭގެ އެންމެހާ ފަރާތްތަކަށް މި ހަރަކާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ޖަމްޢިއްޔާއިންވަނީ ފަހިކޮށްދީފައެވެ.

މި ހަރަކާތް އިންތިޒާމް ކުރާ މަކުނުދޫ ޔޫތު މޫވްމެންޓް ޖަމްޢިއްޔާއިން، މިހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން އެ ޖަމްޢިއްޔާގެ ރައީސް އަޝްފާޤް އާދަމް ބުނެފައިވަނީ މި ހަރަކާތުގައި އެކިއެކި ފަރާތްތަކުން މިހާރުވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިގޮތުން ރަށުގެ ކުލަބް ޖަމްޢިޔާތަކުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާރސް ކުލަބް އަދި މާމުޑާ ސްޕޯޓްސް ކުލަބް މިހާރު މިހަރަކާތުގައި ބައިވެރި ވެފައިވާ ކަމަށެވެ. މީގެއިތުރުން މަކުނުދޫ ވިމެންސް ހޭންޑް ބޯލް ޓީމްވެސް މިހާރު މިކަމުގައި ބައިވެރިވެފައިވާ ކަމަށާއި އަދި މީގެއިތުރުން އޮންލައިން އެކިއެކި ޕޭޖްތަކުން ވެސް މި ހަރަކާތުގައި ބައިވެރި ވުމަށް މިހާރު އެދެމުންދާ ކަމަށެވެ.

މީގެއިތުރުން އަޝްފާޤް ބުނެފައިވަނީ މި ހަރަކާތުގެ ޕޯސްޓަރ ސޯސަލް މީޑިއާގައި ޝެއާކުރުމުގައި އޮރިޖިނަލް ޕޯސްޓް ޝެއާ ކުރައްވަމުން ގެންދިޔުމަށް އެދިލައްވާ ކަމަށެވެ. މިފަދަ އެހީ ހޯދުމަށް ހިނެގޭ ހަރަކާތްތަކުން ވެސް ނާޖައިޒް ފައިދާ ނަގައި މަކަރު ހަދައި އޮޅުވައިލާ ފަރާތްތައް މި މުޖްތަމަޢުގައި މިހާރު އުޅެމުންދާތީ މިފަދަ ކަންކަމަށް ޖާގަ ނުދިނުމުގެ ގޮތުން ފައިސާ ފޯރުކޮށްދިނުމުގައި ސަމާލުވުމަށް އެދިލައްވާކަމަށެވެ. މި ހަރަކާތުން ލިބޭ ފައިސާގެ ޖުމްލަ އަދަދު އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖް

"Makunudhoo Youth Movement " ގައި އާންމު ކުރެވިގެންދާނެ ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.

02 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެންމެހާ ފަރާތްތަކުން ބައިވެރިވެ ވެދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަށް މަކުނުދޫ ޔޫތު މޫވްމެންޓް ޖަމްޢިއްޔާއިން އެދިލައްވައެވެ.

ފައިސާ ޓްރާންސްފާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން:

އެކައުންޓް ނަމްބަރ: 7701176522001

ނަން: Thaha Zubair

ވައިބާ ނަމްބަރު: 9830087