އޮނަވިހި ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ އެޓޯލްސް މިނިސްޓްރީން އަތޮޅުތަކުގެ ރަށްރަށުގެ ނަމާ ބެހޭގޮތުން އަތޮޅު އޮފީސްތަކަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެއީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ނަމާއި އެ ރަށެއް ރަމުޒުކޮށްދޭ ކޮންމެ ވެސް އެއްޗެއް ބޭނުންކޮށްގެން މޮނިއުމަންޓެއް ބެހެއްޓުމާ ބެހޭ ގޮތުން ފޮނުއްވި ސިޓީފުޅެކެވެ. ނަމާއި މޮނިއުމަންޓް ހުންނަންވީ ގޮތުގެ ނަމޫނާއަކާއެކު ފޮނުއްވި އެ ސިޓީފުޅާ ގުޅިގެން އެ ގޮތަށް ޢަމަލުކުރީ ކިތައް ރަށުގައި ކަމެއް ނޭނގެއެވެ.

ކޮންމެ ރަށެއްގައި ވެސް އެ ރަށަކަށް އަރާފައިބާ ބަނދަރުމަތީގައި ބެހެއްޓުމަށް އެދިވަޑައިގެންނެވި މޮނިއުމަންޓާއި ނަމުގެ މައްސަލައިގައި ބައެއް ރަށްރަށުގެ ވެރިން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. ރަށުގެ މަސްލަހަތު ގެއްލިދާނެތީއެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެ ރަށެއް ރަމުޒުކޮށްދޭ އެއްޗަކީ ކޮން އެއްޗެއްތޯ ކުރެވޭ ސުވާލެވެ. ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެންމެން އެއްބަސްވާ ޚިޔާލެއް ނުނެރެވިއްޖެ ނަމަ ދެންވާނެގޮތެކެވެ.

Ad
rt

ބައެއް ރަށްރަށަކީ އެވޭލާ ޒަމާނުއްސުރެ ކޮންމެ ވެސް އެއްޗަކާ ގުޅުވައިގެން ފުރައްސާރައާއި މަލާމާތް ރައްދުވާ ވާހަކަތައް ހުރި ރަށްރަށެވެ. އެ ރަށްރަށް ހަގީގަތުގައި މަޝްހޫރީ އެ ނަންނަމުންނެވެ.

އެކަމަކު އޭރުގެ ރައްޔިތުންގެ ވިސްނުމާ ފިކުރުހުރި ގޮތުން އެ ތަކެތިން މޮނިއުމަންޓެއް ނެހެދޭނެއެވެ. އދ. ދަނގެތި މީހުން ރުނބަޔަކަށް ހަނދުލީ ވާހަކަކިޔާ އެ މީހުންނަށް މަލާމާތްކުރި ޒަމާނެއް ހިގައްޖެއެވެ. އެކަމަކު މިހާރު އެ ރުނބަޔާއި ހަނދު އެހެރީ އެ ރަށުގެ ރައްޔިތުންގެ އަތުން ހަދާފައި މޮނިއުމަންޓެއްގެ ގޮތުގައި ބަހައްޓާފައެވެ. ކުރިން ދެކުނީ ފުރައްސާރައެއްގެ ގޮތުގައެވެ. މިހާރު އެއީ ރަށް ތަމުސީލު ކޮށްދޭ ފަޚުރެކެވެ.

އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލަކީ އަޖައިބެކެވެ. ތޯތޯ ވާހަކަތަކާ ގުޅުވައިގެން ވެސް ރަށްރަށުގެ މޮނިއުމަންޓް ހެދިދާނެކަން މިހާރު ގަބޫލުކުރެވެއެވެ. އަދި އެ ރަށެއްގައިހުރި ނުވަތަ އެ ރަށަކާ ގުޅުންހުރި ތާރީޚީ ވާހަކަތަކާއި ތަންތަނާއި މީހުންނަށް ނިސްބަތްކޮށް ވެސް މޮނިއުމަންޓް ހެދިދާނެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ނަން ކިޔާފައިވާގޮތުން މާބޮޑު ދިރާސާއަކާ ނުލައި ވެސް މޮނިއުމަންޓެއް ހެދެންހުރި ރަށްރަށް އެބަހުއްޓެވެ. އެއީ ކޮންމެވެސް އެއްޗެއްގެ ނަމާއެކު ނަންކިޔާ ރަށްރަށެވެ. ހޯރަފުށްޓާއި ކަނޑޫދޫއާއި ކާށިދޫފަދަ ނަންނަމެވެ.

ދެންހުރީ އެ ރަށެއްގައި ޒަމާނުއްސުރެ ކުރާ ފަންނީ މަސައްކަތެއްގެ ގޮތުން ރާއްޖެއިން އެންމެ ފާހަގަ ކޮށްލެވޭ ރަށްރަށަށް ވެފައިވާ ރަށްރަށެވެ. ތުނޑުކުނާވިއުމުން ގައްދޫއެވެ. ތިލޭރުކަމުން ރިނބިދޫއެވެ. ރިހާކުރު ކެއްކުމުން ދިއްގަރެވެ. ލިޔެލާ ޖެހުމުން ތުޅާދޫއެވެ. މީގެއިތުރުން ދެން ހުރީ އެ ރަށެއްގައި ހެދޭ ގަސްގަހާގެހީގެ ގޮތުން މަޝްހޫރުވެފައިވާ ރަށްރަށެވެ. މިގޮތުން ލަންދޫއާއި ކުއްޅަވަކާ އޮތް ގުޅުން ފާހަގަވެއެވެ.

މިއިން އެއްވެސް ގިންތިއެއްގައި އަޅައިނުގަންނަ ރަށްރަށް ވެސް ހުންނާނެއެވެ. އެފަދަ ރަށްރަށުން އެންމެ ރަނގަޅުވާނީ އެ ރަަށްރަށަށް ނަން ކިޔާފައިވާ އަސްލަށް ބެއްލެވިއްޔާކަމަށް ފެނެއެވެ. މިފަދަ ދިރާސާތައް ވަނީ ކުރެވިފައެވެ.

ބައެއް ރަށްރަށަށް ނަން ކިޔާފައިވަނީ ރަށަށް ލިބިގެންވާ ޚާއްޞަ ސިފަތަކާ ގުޅުވައިގެންނެވެ. ތިމާވެށްޓަށް އައިސްފައިވާ ވަދަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ ސިފަތައް މިއަދު ފެންނަން ވެސް ނެތިދާނެއެވެ.

ހެދެމުން، ބެހެއްޓެމުން މި ދަނީ ރަށްރަށުގެ ނަން ފިލާ ތަކެވެ. މި ކަމުގައި ވެސް ދިވެހިބަހަށް އިސްކަންދޭން ޖެހެއެވެ. ދިވެހީންގެ އަސްލާއި އެ ރަށެއް ޚާއްޒޞަވާ ސަބަބު ބުނެދޭން ޖެހެއެވެ. އެ ބައެއްގެ ހުނަރުވެރިކަން ދައްކައިދޭން ޖެހެވެ. އޭރުން މިހާރަށްވުރެ މާ ފުރިހަމަވާނެއެވެ.