މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ތިން ވަނަ ދަޢުރު، މިފެށޭ ޑިސެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ފާސްކޮށްފިއެވެ.

މިޖިލީހުގައި ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި މިގޮތަށް ނިންމީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.

Ad
rt

މިގޮތަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދައުރު ދިގު އިތުރުކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގު ދަމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލިސްގެ ދައުރު ދައްމާލަން ނިންމިއިރު، މަޖިލިސްގައި މިހާރު ދަނީ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓް ކޮމެޓީއިން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް މަރުހަލާ ކުރިއަށް ގެންދަމުންނެވެ.