އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލްގައި ތަފާތު ބޮޑު ނަތީޖާއެއް ހޯދައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު އަޝްފާގު (ދަގަނޑޭ) އެ ޗެލެންޖް ކާމިޔާބު ކޮށްފި އެވެ.

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރީ ހޮންގްކޮންގެ ކުޅުންތެރިޔާ ޗަން ސިއު އާއެވެ.

Ad
rt

ޗަން ސިއުގެ މައްޗަށް ދަގަނޑޭ ކުރި ހޯދީ ވޯޓު ދިން މީހުންގެ 89.14 ޕަސެންޓް ހޯދައިގެންނެވެ. އިދިކޮޅު ޗޭން ޗަން ސިއުއަށް ލިބުނީ އެންމެ 10.86 ވޯޓެވެ. ފައިނަލުގެ ވޯޓުލުން ނިމުނީ މިއަދު 1:00 އަށެވެ.

މީގެ 6 ހަފްތާ ކުރިން 32 ކުޅުންތެރިން ވާދަކުރަމުން އައި މި މުބާރާތުގައި، އެ ކުޅުންތެރިޔެއް ޖަހާފައިވާ ގޯލަށް އެ ކުޅުންތެރިޔެއްގެ ފޭނުން ވަނީ އޮންލައިން ކޮށް ވޯޓު ދީފައެވެ.

އަޝްފާޤު 2013 ވަނަ އަހަރު ނިޔު ރޭޑިއަންޓްއަށް ކުޅެމުން، އެކަނިމައިއެކަނި ޖަހާފައިވާ މި ގޯލަށް ދުނިޔޭގެ ގިނަ ފަރާތްތަކުގެ ތަޢުރީފު ވަނީ ލިބިފައެވެ.

މި ލިބުނު ބޮޑު ކާމިޔާބާއި ގުޅިގެން، ދަގަނޑޭ ވަނީ އޭނާ ވަނީ ދިވެހި ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. މިގޮތުން ދަގަނޑޭ ބުނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް އޭނާއަށް ވޯޓު ލުމުގައިއާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއްކަން ފާގަކޮށް ދަގަނޑޭ އިތުރަށް ބުނީ އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައި ވަނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ކަމަށް ވެސް ދަގަނޑޭ ބުނެފައި ވެއެވެ.