ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢުގެ މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލާފައި ވަނީ 21 ނޮވެމްބަރ 2020 ގައެވެ. އަދި މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Ad
rt

ހެނބަދޫ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނި ހައުސިންގ އެންޑް އިންފްރާ އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23 ޖޫން 2019 ގައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް ފެށުމަށް އެރަށަށް، އެމަސައްކަތަށް ބޭނުންވާ ސާމާނު މޮބިލައިޒް ކޮށްފައި ވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން 44,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 259 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި އަދި 1,015 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.