އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގައި މުހިންމު ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ އަވަހާރަކޮށްލާފައިވާއިރު، އެކަމަށް ބަދަލުހިފަން ނިންމާފައިވާކަން އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީކޮށް އަންގައިފިއެވެ.

އެ ޤައުމުން ހާމަކުރާ ގޮތުގައި، މި ސައިންޓިސްޓު މަރާލާފައިވަނީ އޭނާގެ ކާރުގައި ބޭރުގައި ހިނގި ހަމަލާތަކެއްގައިއެވެ. އަދި އިރާނުން މިހާރު މި ހަމަލާގެ ފަހަތުގައި އިޒްރޭލުން ވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

Ad
rt

މި ސައިންޓިސްޓު އަވަހާރަކޮށްލާފައިވާއިރު އޭނާގެ ގައިގައި ބައިވަރު ޒަޚަމްތައް ފެންނަން ހުރި ކަމަށްވެސް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. އިރާނުގެ ޑިފެންސް މިނިސްޓްރީއިން ހާމަކުރި ގޮތުގައި، މި ސައިންޓިސްޓު އަވަހާރަކޮށްލާފައިވަނީ ބަޑީގެ ހަމަލާއެއްގައެވެ.

ފަޚްރިޒާދޭހް އަކީ އިޒްރާއީލުގެ ބޮޑު ވަޒީރު ނަތެންޔާހޫ ސިފަ ކުރާގޮތުގައި އީރާންގެ ނިޔުކްލިއަރ އުފެއްދުމުގެ ބައްޕައެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ އިރާނުގެ ވެރިރަށް ތެހްރާން ކައިރިން ކާރުގައި ދަތުރުކުރަނިކޮށެވެ. އެޤައުމުގެ ނޫސްތަކުން ހާމަ ކުރާގޮތުގައި ޒަމާނުއްސުރެ އިޒްރާއީލުން ފަޚްރެޒާދޭހް އާއި ދެކޮޅަށް ރޭވުންތައް ދިޔައީ ރާވަމުންނެވެ.

އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވެސް ވަނީ ސައިންޓިސްޓު މަރާލުމުގެ ފަހަތުގައި ވަނީ އިޒްރާއީލް ކަމަށް ބުނެ އެ ޤައުމަށް ތުހުމަތުކޮށްފައެވެ.

"ޓެރަރިސްޓުން މިއަދު ވަނީ އިރާނުގެ ސައިޓިސްޓެއް މަރާލާފައި"

އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

އިރާނުގެ ގިނަ ސަރަހައްދު ތަކުގައި މި ކަމާއި ގުޅިގެން ނުރުހުން ފާޅު ކުރަމުންއަންނަ އިރު، އެ ޤައުމުގެ ސަރުކާރުގެ ބޮޑެތި ގިނަ ފަރާތްތަކުން އަންނަނީ މި ކަމުގެ އަޑީގައި ތިބި މީހުން ހޯދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އޭނާ އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށްބުނެ އީރާނުގެ ސަރުކާރުން އިއްޔެ އދ.ގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ރާވާފައިވަނީ އިސްރާއީލުން ކަމަށެވެ.

މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އެ ޙަމަލާ ތަންފީޒުކުރީ އީރާނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އެޖެންޓުންގެ ބަޔަކުކަން އެނގޭ ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމުގެ ހައްގު އީރާނަށް ލިބިގެންވާކަމަށާ ބަދަލު ހިފުމަށް ނިންމާފައިވާކަން އީރާނުގެ ސިޓީގައި ސަލާމަތީ މަޖިލީހަށް އަންގާފައިވެއެވެ.