ރަށުގެ ދިގު އަތިރިމަތީގައި އޮންނަނީ ހުސް ކުންޏެވެ. ބައެއް ހިސާބުގަނޑުގައި އުސްކޮށް ހެދިފައި ވަނީ ބޮޑު ކުނިގޮނޑެވެ. އަތިރިއަށް ފައިބާ މަގުތަކާއި އޮޑިވަޅުތަކާ ދިމާގައި ކުނިމަދެވެ. އެއީ ގޮނޑުދޮށަށް ކުނިއެޅި ޒަމާނެވެ. ފަޅު ނުކޮނެ އޮތް ޒަމާނެވެ.
ދެ މޫސުން ބެދޭ ދުވަސްވަރު ޖަހާ ދަންހަޅައިގެ ތެރޭގައި ބައެއް ފަހަރު ކުނިގޮނޑު މޫދަށް ދަމައިގަނެއެވެ. އަނެއްބައި ފަހަރު އިހުނަށްވުރެ އެއްގަމަށް ކުނިތައް އަރުވައެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅާއެކު ބޭރަށް ދަމައިގަންނަ ކުނިތައް ފަޅުގައި އަޅާ ބާރު އޮއިވަރުގައި ބޭރުވެގެން ދާތަން ފެނެއެވެ. ގޮޑުދޮށުގައި ހުންނަ މައިގަނޑު ކުންޏަކީ ކާށިއެހެފައި އުކާލައިފައި ހުންނަ އެކި ސައިޒުގެ ބޮންބެވެ. ބޮނބިދޯނި ހަދަން ބޭނުންވާ ބޮންބާއި އެހެނިހެން ސާމާނު އެ ޒަމާނުގައި ގޮނޑުދޮށުން ލިބިއެވެ. ބޭނުންވާނީ ވަޅިއެކެވެ. ރޭޒަރު ތިލައެއް އޮތަސް ވާނެއެވެ.
ބޮނބި ދޯނި ނުވަތަ ބޮނބި އޮޑި ހެދުމަށް ޓަކައި ފުރަތަމަ ކަމުދާ ރީތި ބޮނބިގަނޑެއް ހޯދަނީއެވެ. އެއަށްފަހު ބޮނބިގަނޑުގެ މަތި ދޯންޏެއްގެ މަތިކަން ހުންނަ ކިއްސަރަށް ކަފާލަނީއެވެ. ކާށީގެ ފޫކޮޅަކީ ބޮނބިދޯނީގެ ދިރުބާކޮޅެވެ. ލޯކޮޅަކީ ހުންގާނުކޮޅު ނުވަތަ ކޮޅުފަސްކޮޅެވެ. ކޮޅުފަސްކޮޅު މަޅަން ބައެއް ދޫކޮށްފައި އެތެރޭގައި ބޮނބިގަނޑުގެ ހުރަހަށް ވަޅިއަޅާފައި ދޯނީގެ ދިރުނބާކޮޅަށް ވަތް ކޮންނަނީއެވެ. ކާށި ޖެހިފައި އިންނަ ބައިން ކިހުޅިތައް ނަގާ ސާފުކުރުމުން ވަތް ހެދުނީއެވެ.
ދެން ލަކުޑި ހިމަ ދަނޑިކޮޅަކުން ޖަހަނީ ދޯންޏާ ގުޅޭ ވަރުގެ ކުނބެކެވެ. ކުނބުގެ ފޫ އޫކޮށްލައިފައި ބޮނބިދޯނީގެ ގާތްގަނޑަށް މެދާ ހިސާބަށް ހަރާލަނީއެވެ. އެއަށްފަހު އެވީ ރިޔާ ހަދާށެވެ. ޕްލާސްޓިކް ކޮތަޅެއް ހޮވައިގެން ގެނެސް ބާއްވާފައި ދޯންޏާ އެކަށީގެންވާ ރިޔަލެއް ވަޅިން ކަފާލަނީއެވެ. ތިން ކަނަށް ހުންނަ ކަތި ރިޔަލެއްގެ ބައްޓަމަށެވެ. ރިޔަލުގެ ފަރުމާނަކަށް ހޯދަނީ ފަލަ ދިގު އިލޮށްޓެކެވެ. ރިޔަލުގެ އެއްފަރާތު އަރިމައްޗަށް ފަރުމާނު އަމުނާލަނީއެވެ. ފަރުމާނަށް ހޯދި އިލޮށީގެ ހިމަކޮޅު އޫކޮށްލައިފައި އަތުންފަހާ ތިނޯހަކުން ދުވާ ރޮދި ޖަހާހެން މަތިން އަޑިއަށް އަޑިން މައްޗަށް އިލޮށި އަމުނާލަނީއެވެ. ބައެއް ފަހަރު ތުނި ފޮތިން ވެސް ރިޔާ ހަދައެވެ. ރިޔާ ހެދުމަށްފަހު ފަރުމާނުގެ ބުޑު އޫކޮފައި ދޯނީގެ ދިރުނބާ ކޮޅަށް ޖަހަނީއެވެ. ބައެއް ފަހަރު ދައްސޫރަ ދަމާފައި އެއަށް ރިޔާ އައްސައެވެ.
އެއަށްފަހު ރިޔާ އައްސާފައިވާ ނުވަތަ އަމުނާފައިވާ ފަރުމާނާ ކުނބާއެކު އައްސާލީމާ އެހެރީ ރިޔާނެގިފައެވެ. ދެން ޖެހޭނީ ރިޔަލުގައި ދަންމާނު އައްސަންވީ ކަނުގައި ދަންމާނަށް ވާވަރަށް ރޮދިކޮޅެއް އައްސާލާށެވެ. ދަންމާނު އެއްސުމަށް ދަންމާނު ބުޅީގެ ގޮތުގައި ދޯނީގެ ދެ ފަރާތުން މަޅުގެ ބޭރު ކައިރިއަށް ދެ އިލޮށިކޮޅު ޖަހާލުމުން ފުދޭނެއެވެ. ކޮންމެހެން ކުނބުކަތްޕެއް ބޭނުމެއް ނުވާނެއެވެ. އެކަމަކު ބައެއް ކުދިން ލަކުޑިކޮޅަކުން ކުނބުކަފި ހަދައިއުޅެއެވެ. ހުންގާނު ވެސް ހަދަނީ ފަތި ލަކުޑި ކޮޅަކުންނެވެ. ދޯނީގައި ހުންގާނު ހަރުވާ ވަރަށް ވަޅީގެ މިޔަ ވައްދާލުމަށްފަހު އެ ހިންމިއަށް ބާރުކޮށް ހުންގާނު ވައްދާ ހަރުލީމާ ބޮނބިދޯނި އެހެރީ ހަދާ ނިމިފައެވެ.
އެކަމަކު މިއަށްވުރެ ފުރިހަމަކުރުމަށް ޓަކައި ކޮޅުފަސްކޮޅުގައި މޮލައްގަނޑު ހަރުކޮށް ހުންގާނު އަޅައި ހަޅިބަނުން އައްސައެވެ. ހުންގާނުގައި ހުންގާނު ދޫނި އަޅައެވެ. ކުނބު ހިފެހެއްޓުމަށް ބައެއް ކުދިން ސަވާ ޖަހައެވެ. ރިޔާ ކުނބަށް ނަގައި ތިރިކުރުމަށް ހަންޖާ ޖަހައެވެ. ފަނާ ހަދައި ވާލައެވެ. ލަކުޑިން ދިރުބާ ހަދައި ދިރުބާ ޖަހައެވެ. ފަލިބައި ހަދައި މެއްކު ހަދައި ޅާންބުއެވެ. ދޯނީގެ ވަތްތައް ވަކިވާގޮތަށް އިންނަފަތްތައް އަޅައެވެ. އަދި ބަނޑުފިލާ ކަފައިގެން ދޯނީގެ ރީތި ބައްޓަން ގެނެއެވެ. ފަށަނާއި ދިރުބާކޮޅު މައްޔާ ފާޅުވާވަރަށް މަށާލައި ކޮޅުފަސްކޮޅުގެ ބައްޓަން ގެނައިމާ ވަރަށް ޗާލެވެ.
ހެޔޮ ވަރަކަށް ވައިޖެހޭ ދުވަސް ދުވަހު ބޮނބިދޯނި ނުވަތަ ބޮނބިއޮޑި ފުރުވާލުމަކީ ކުޅިވަރެކެވެ. ރިޔާނަގާފައި މޫދުގައި ބެހެއްޓީމާ ދުވެފައި ދާނެއެވެ. ހުންގާނުގައި ފެން ނާޅާތީ ފުޅިތޮށިގަނޑެއް ހުންގާނާ ދިމާއިން ތިރިއަށް ޖަހައެވެ. މޫދުގައި ބަހައްޓައިފައި ރިޔަލުގައި ވައި އަޅުވާލީމާ ބަންޑުން ޖަހާލާގޮތް ވަންޏާ މަތިކިބާއަށް ބަރާއެއްގެ ގޮތަށް ހެޔޮވަރުގެ ގާކޮޅެއް ލީމާ ރަނގަޅުވެއެވެ.
ދޯނި ހަދާ ނިމުމުން އޮންނަނީ ދޯނި ރޭހެވެ. އެންމެ ދުރަށް ދަތުރުކޮށްފައި ދަނީ ކޮން ކުއްޖެއްގެ ދޯންޏެއްތޯ ބެލުމެވެ. ހުރިހާ ކުދިން ވެސް ތިބޭނީ ދޯނި ފުރުވާލައިފައި ދޯންޏަށް ބަލާށެވެ. ބައެއް ދޯނިތައް ކަނޑިންމައިން ނިކުމެގެން ކަނޑު ވެސް ދުއްވައެވެ. ބޮޑެތި އެއްޗެއްސަށް ބޮޑު ރާޅެވެ. ކުދި އެއްޗެއްސަށް ކުދި ރާޅެވެ. އިރުވައިގެ ނަލަވައިގައި ރާޅުތަކުގެ ކުރިތަކުން ސަލާމަތްވެ ބައެއް ދޯނިތައް ލޮލުކޮޅަށް އޮބާލައެވެ. އެކަމަކު ގިނަ ދޯނިތައް ޖަހާލަނީ ބަންޑުންނެވެ.
ބޮނބިދޯނީގެ ތަފާތު ވައްތަރަކީ އަލިފާން އޮޑިއެވެ. އެ އޮޑިއަށް ދުން އޮޑިއޭ ވެސް ކިޔައެވެ. އެ އޮޑީގެ ތަފާތަކީ އެތެރެއަށް އަލިފާން އަޅާފައި ފުރުވާލުމެވެ. ދުން އަރުވަމުން އަރުވަމުން ގޮސް ވަކި ހިސާބަކުން ނިވިދާނެއެވެ. ނޫނީ ބަންޑުން ޖަހާލައެވެ. އެ ހިސާބުން އެކަން އެ ނިމުނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!