އައްޑޫ ސިޓީ ހިތަދޫގައި އޮންނަ ނޭޗަރ ޕާކު ބަލާލަން ދިޔަ ދުވަހެވެ. ގުދުރަތީ ހިތްގައިމު އެތައް މަންޒަރެއް ދުށީމެވެ. ތާރީޚީ އެތައް ވާހަކައެއްގެ އަޑު އެހީމެވެ. ވަރަށް ހިތްގައިމު ރީތި ފޮޓޯތަކެއް ނެގީމެވެ.
އެ ދުވަހު ހިތަށް އެރިއެވެ. ރާއްޖޭގައި މީގެ ނޭޗަރ ޕާކުތައް ބައިވަރެވެ. އެ ތަންތަން ކޮންމެވެސް ދުވަހަކުން ޕާކުތަކަކަށް ވާނެއެވެ. ރަށްރަށުގައި ހުރި ކުޅިތަކާއި ފާތަކާއި ހިތްގައިމު ތުނޑިތަކާއި ތިލަ ފަޅުތަކާއި ކުދި ފުށިތަކާއި ހުރާގަނޑުތަކަކީ ވެސް ހަމަ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ އަޖައިބުތަކެވެ. ރާއްޖޭގެ ރީތިކަން ފެންނަ ޕާކުތަކެވެ. ތާރީޚީ ތަރިކަތަކާއި އާސާރީ ތަންތަން ވެސް އެއީ މާދަމާ ލާރިޖަހާނެ މެޝިންތަކެވެ.
އައްޑޫސިޓީ ހިތަދޫ
ޒުވާން ގައިޑަކާއެކު ކުރި އެ ދަތުރުގައި އެންމެ އުފާވީ ތާރީޚީ ނުވަތަ އާސާރީ ތަންތަނާމެދު އޭނާގެ ހިތުގައި އޮތް ލޯބި ފެނިފައެވެ. މަޢުލޫމާތުގެ މުއްސަނދިކަން އެނގިފައެވެ. ރާއްޖޭގެ ކިތަންމެ ރަށެއްގައި އިހުގެ މަހާނަފާތަކާއި އާސާރީ ގާފުނިތަކާއި އުސްގަނޑުތަކާއި ދާގަބާތަކާއި ހަވިއްތަތައް އެބަހުއްޓެވެ.
ނ. ކެނދިކުޅުދޫ ކުޅި. ފޮޓޯ: އިރުހަމް
އެތަންތަނާބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި ފޯކުލޯރުތަކާއި ޚިޔާލީ ވާހަކަތައް ވެސް ބައިވަރެވެ. އެއިން ކޮންމެ ތަނަކީ މިއަދު އަގުބޮޑު ހަޒާނާއެއްގެ ގޮތުގައި މީހުން ދެކެންފަށައިފިއެވެ. ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ނުކުމެ އެތައް ރަށެއްގައި ނޭޗަރ ޕާކުތައް ހަދައިފިއެވެ. އަދިވެސް ހަދާނެއެވެ. މި ވެގެން އުޅެނީ ކީއްބާވައެވެ؟
ނ. ކެނދިކުޅުދޫ ކުޅި. ފޮޓޯ: އިރުހަމް
ރަށްރަށުގައިހުރި އާސާރީ ބިނާތަކާއި ސަރަޙައްދުތަކުން ގާ ގެންގޮސްގެން އެ ރަށްރަށުގެ މީހުން ގެދޮރު ރޭނި ޒަމާން ފާއިތުވެއްޖެއެވެ. ދުވަސްވީ ބޮޑެތި ގަސްތައް ކަނޑައިގެން އުވަދެވި ޒަމާންވެސް ފަސްދީފިއެވެ. ކުޅިތަކާއި ފާތަކާއި ޗަސްބިންތަކަށް ކުނިއަޅައި ހެދި ޒަމާން މިދަނީ ފާއިތުވަމުންނެވެ. އަޅެ! މި ވެގެން އުޅެނީ ކީއްހެއްޔެވެ؟
ނ. ލަންދޫ ނޭޗަރޕާކު ހެދުމުގެ މަސައްކަތުގެ ތެރެއިން.
ރަށްރަށުގައި މޫދުއެރޭނެ ހިތްފަސޭހަ ސަރަހައްދުތައް ހަދައިފިއެވެ. މޫދުގައި އުނދޯލި އެލުވައިގެން ހެއްލަން ފަށައިއެވެ. ސާފު މޫދާ އިރުގެ އަތްވާއި ދޮންވެލިގަނޑުން ހިތާއި ރޫޙަށް ދިވެހީން ވެސް އުފާ ހޯދާން ފަށައިފިއެވެ. ރަށްރަށަށް އައިސްގެން މިއުޅެނީ ކޮންކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ ދިވެހީން ވިސްނުމަށް ވެގެން މިއުޅެނީ ކީއްހެއްޔެވެ؟
އައްޑޫސިޓީ މަރަދޫ
އިންސާނާގެ ވިސްނުމާއި ފިކުރު ބަދަލުވަނީ ޢިލްމީ ހޭލުންތެރިކަމުންނެވެ. ނޫނީ ކުރެވޭ ހިތިފޮނި ތަޖުރިބާތަކުންނެވެ. ފެންނަ އުފާވެރި މަންޒަރުތަކަކުންނާއި އިވޭ ކާމިޔާބު އަޑުތަކުންނެވެ. ކޮންމެ ވެސް އުންމީދީ ތަސައްވުރަކުންނެވެ.
އައްޑޫސިޓީ ފޭދޫ
ދިވެހީންގެ ފިކުރަށް މި އައި އިންގިލާބީ ބޮޑު ބަދަލުގައި ރާއްޖެއަށް ދާދިފަހަކުން ތަޢާރަފުވި ލޯކަލް ޓޫރިޒަމަކީ އެއް ސަބަބެވެ. އިންސާނާއަށް ސީދާގޮތުންނާއި ނުސީދާގޮތުން މަންފާއާއި ފައިދާ ވާނެ ކަންކަމަށް އޭނާ މަރުޙަބާ ކިޔާނެއެވެ. އަނެއް ކަމަކީ ލާމަރުކަޒީ ނިޒާމުން އަތޮޅުތައް ހިންގަން ފެށުމެވެ. ޒުވާނުންގެ އަތްމައްޗަށް ރަށްރަށުގެ ވެރިކަމުގެ ބާރުތައް ދިއުމެވެ. ކުރީގައި ހިފެހެއްޓިފައިވާ ފިކުރުތަކަށްވުރެ ދުރަށް ޒަމާނީ ވިސްނުންތަކާއެކު ދަތުރުކުރުމެވެ. އާކަންކަން ތަޖުރިބާކުރުމާއި ކައުންސިލަރުންގެ ދައުރުގައި ރަށުގެ ފައިދާއަށް ފެންނަން ހުންނާނެ ދެމެހެއްޓެނިވި ރަނގަޅު ކަންތައްތަކެއް ކުރުމުގެ ހެޔޮ ވިސްނުމާއި ހެޔޮ ނިއަތުގައި އިސްނެގުމެވެ.
ބ. އޭދަފުށި
ރާއްޖޭގެ މަދަނީ ޖަމާޢަތްތައް ބާރުވެރިވެގެން ދިއުމަކީ ރައްޔިތުންގެ ވިސްނުން ބަދަލުވާނެ ކަމެކެވެ. އިޖުތިމާޢީ ހޭލުންތެރިކަމާއި އިޖުތިމާޢީ މަސައްކަތްތަކަށް ފަންޑު ލިބޭނެ މަގުތައް ފަހިވުމެވެ. އިޖުތިމާޢީ ތަރައްޤީގައި ވާދަވެރި ރޫޙުގައި މަދަނީ ޖަމާޢަތުގެ ދައުރު ފުޅާވުމެވެ. މަދަނީ ޖަމާޢަތްތަކަކީ ޑިމޮކްރަސީގައި ކިހާވަރެއްގެ ބާރުތަކެއްކަން އެ ފަރާތްތަކަށް ފަހުމްވުމެވެ. ރައްޔިތުންގެ އެކުވެރިކާއި އެއްބައިވަންތަކަމާއި ރަށްދެކެވާ ލޯތްބަކީ ވެސް ތަރައްޤީގެ ވިސްނުންތަކާއި ބަދަލުތަކަށް ފިކުރުތައް ދީލާލާ މުހިންމު ސަބަބެކެވެ.
ނ. މަނަދޫ
ފެންނަމުން ދަނީ ބައެއް ތަންތަނުން އިޖުތިމާޢީ ފޭރާން ދޯހަޅިވިޔަސް، އަނެއްބައި ތަންތަނުން ވިޔެވެމުން ދާތީއެވެ. އިޖުތިމާޢީއެއް ފިކުރުތަކުގައި އެއް ގަލަކަށް އެރޭ ހިސާބަށް ޓީމުތައް ބިނާވުމުން އެހެން ކޮންމެ ވެސް ރަށެއް ރައްޔިތުން ކުރާ ކަންކަމުން ހިތްވަރު ލިބިދާނެއެވެ. އެއަށްވުރެ މާ ފުރިހަމައަށް ތިމާމެންނަށް އެކަމެއް ކުރެވިދާނެކަމަށް ހިތާއި ސިކުނޑީގެ ލޮލަށް ފެނިދާނެއެވެ.
އައްޑޫސިޓީ ހިތަދޫ
ތިމާވެށްޓާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ޒަމާނުއްސުރެ ސަރުކާރުން ކުރަމުންދިޔަ ހިތްވަރަކީ ވެސް މީގެ ސަބަބެއް ކަމަށް ވެދާނެއެކެވެ. ހަމައެފަދައިން ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚަށް ދިވެހީންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ސަރުކާރުން ކުރަމުން އައި މަސައްކަތާއި ޢަމަލީ ޚިދުމަތްތަކަކީ ވެސް މިއަދު މިފެންނަ ބަދަލުތަކުގެ ސަބަބަކަށް ވާނެއެވެ.
ކ. ކާށިދޫ
ޝައްކެއްނެތް ގޮތުގައި ރައްޔިތެއްގެ ވިސްނުމާ ފިކުރު ބަދަލުވާނެ އެތައްއެތައް ސަބަބެއް ވާނެއެވެ. ދިވެހީންގެ ތަރިކައާއި ސަގާފަތުން ފައިދާއާއި މަންފާ ހޯދިދާނެކަމުގެ ވިސްނުން އައުމަކީ ކުޑަކަމެއް ނޫނެވެ. އެ އިންގިލާބީ ބޮޑު ބަދަލު މިދަނީ ފެންނަމުންނެވެ. އެ ބިޔަ ކަނޑު ދުއްވަން ނިކުންނަތަނުން ކުރިމަތިވާ ރާޅުތަކާއި ޖެހޭ ބާރުގަދަ އޮއިވަރުތަކާއި ވައިނުބައިވުމާއި މޫސުން ގޯސްވުމުގެ ކަންތައްތަކުން އުންމީދު ފަނޑުވާ ނަމަ މިކަމަށް އަސަރުކުރާނެއެވެ. މިއަދު ހަދާތަންތަން މާދަމާ ވީރާނާވެގެން ހިނގައިދާނެއެވެ. އުންމީދަކީ އެހެންނުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!