ރައްޔިތުންގެ މަޖިލިސްގެ ބައެއް ކޮޓަރިތައް ''ބަގް'' ކުރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާ ފެށުމުގެ ގޮތުން، އެޖެންޑާ ނަމްބަރު 4، ''ރިޔާސަތުން އަންގާ އެންގުން''ގެ ދަށުން ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސްގެ ބައެއް ކޮޓަރިތައް ''ބަގް'' ކުރުމަށް އުޅުނުކަމުގެ މަޢުލޫމާތު މަޖިލިސްގެ ސާޖެންޓް އެޓް އާމްސް، އެމަނިކުފާނާ ހިއްސާ ކުރަށްވާފައިވާ ކަމަށެވެ.

މިގޮތުން އެމަނިކުފާނު އިންނަވާ، މަޖިލިސް ރައީސްގެ ކޮޓަރިކޮޅާއި، މަޖިލިސްގެ ނައިބް ރައީސްގެ ކޮޓަރިކޮޅާއި އަދި މަޖިލިސްގެ ކޮމެޓީ ރޫމެއް ''ބަގް'' ކުރަން ބޭނުންވެގެން ފުލުހުންގެ އޮފިސަރެއް، މަޖިލިސްގެ ސެކިއުރިޓީ މުވައްޒަފަކާއި ވާހަކަ ދައްކަވާފައި ވާކަމަށެވެ.

މަޖިލިސްގެ ބައެއް ރޫމްތައް ބަގް ކުރަން ބޭނުންވެގެން ވާހަކަ ދެއްކުމުން، މަޖިލިސްގެ ސެކިއުރިޓީ މުވައްޒަފު އެކަން ސާޖެންޓް އެޓް އާމްސްއަށް ރިޕޯޓް ކުރުމުން އެކަން ވަނީ މަޖިލީހުގެ ސެކެރެޓަރީ ޖެނެރަލްއަށް އަންގާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑު ވިސްނީ މިކަމިގައި ސާޖެންޓް އެޓް އާމްސް އިތުރު މަސައްކަތް ކޮށްލުމަކީ ރަނގަޅުކަމަކަށް ވެދާނޭ، މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުން އެއީ އަޅުގަނޑުގެ ހިތުގައި އެއްގޮތަކަށްވެސް އޮތް ކަމެއްނޫން، އަދި ކުރިއަށް އޮތްތަނުގައިވެސް އޮތް ކަމެއްނޫން، އަޅުގަނޑުބެލީ މިތަނުން ކަންހިނގާ ދިޔަ ކޮންމެވެސް މިންވަރަކަށް ބެލުމަށް، ފުލުސްއޮފީހުގެ މިދެންނެވި ކުއްޖާ މިތަނުން ގުޅުއްވަމުން ގެންދެވީ މިތަނުގެ އަންހެން ސްޓާފަކާ، ދެން އެބޭފުޅާވެސް ވަރަށް ހަރުދަނާކަމާއެކީގައި މަޖިލިސްގެ އިދާރާއަށް އެކަންކޮށްދެއްވީ، އަޅުގަނޑު އެބޭފުޅާއަށް ޝުކުރު ދަންނަވަން''

މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމައްސަލަ މަޖިލިސްގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމެޓީއަށް ފޮނުއްވާ ކަމަށެވެ.

މަޖިލިސްގެ ބައެއް ކޮޓަރިތައް ބަގް ކުރަން މަސައްކަތްކުރި މައްސަލަ ފެންމަތިވެފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރުގެ މައްސަލަ މަޖިލިސްގައި މިއަދު އެޖެންޑާ ކުރެވިފައި ވަނިކޮށެވެ.