ނިއު ޒިލެންޑްގެ ފުލުހުންގެ ޔުނީފޯރމާއި އެކު ބުރުގާ އެޅޭ ގޮތަށް އެ ޤައުމުން ޤަވާއިދު ބަދަލުކޮށްފިއެވެ.
ނިއު ޒިލެންޑްގެ ފުލުހުންގެ އިދާރާއިން ހާމަ ކުރާ ގޮތުގައި، އެ ޤައުމުން މި ގެނައި އައު ޤަވާއިދުގެ މައިގަނޑު އެއް ބޭނުމަކީ އެ ޤައުމުގެ ފުލުހުންގެ އިދާރާއަށް ގިނަ އަންހެނުންނާއި، އަދި މުސްލިމު ދަރިކޮޅުގެ މީހުންވެސް ތަފާތު ކުރުމެއްނެތި ވަދެވޭނެ މަގު ފަހިކޮށްދިނުމެވެ.
އެ ޤައުމުން ހާމަ ކުރާ ގޮތުގައި، ޔުނީފޯރމަށް އައި މި އައު ޤަވާއިދަށް އެންމެ ފުރަތަމަ ހެދުން އަޅާނެ ފަރާތަކީ ކޮންސްޓެބަލް ޒީނާ އަލީ އެވެ.
ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކަށް ބަލާއިރު، މެޓްރޮޕޮލިޓަން ޕޮލިސް އިން ލަންޑަން އަދި ސްކޮޓްލެންޑްއިން ފުލުހުންގެ ޔުނީފޯރމާއި އެކު ބުރުގާ އެޅޭނެ ގޮތްތަށް ވަނީ ހަމަޖައްސާފައެވެ.
އިނގިރޭސިވިލާތުގައި މި ޤަވާއިދަށް 2006 ވަނަ އަހަރު ޢަމަލު ކުރަން ފަށާފައިވާ އިރު، ސްކޮޓްލަންޑްއިން ވަނީ 2016 ވަނަ އަހަރު އެ ޤައުމުގެ މި ޤަވައިދަށް ބަދަލު ގެނެސްފައެވެ. ނިއު ޒިލެންޑްއާއި އިންވެގެން އޮންނަ އޮސްޓްރޭލިއާގައިވެސް 2004 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ޔުނީފޯރމާއިއެކު ބުރުގާ އެޅެއެވެ.
ނިއު ޒިލެންޑްއިން ހާމަ ކުރި ގޮތުގައި، އެ ޤައުމުގައި މި ޤަވާއިދު ހެދުމުގެ މަސައްކަތް ފެށިފައިވަނީ 2018 ވަނަ އަހަރުގެ ތަރޭގައެވެ. އެއީ، އޭރު ފުލުހުންގެ މަސައްކަތަކުގައި އުޅުނު މީހެއްގެ އެދުމެއްގެ މަތިންނެވެ.
ޒީނާ އަލީ އަކީ ފިޖީ އަށް އުފަން، ނަމަވެސް ކުޑައިރު ނިއު ޒިލެންޑްއަށް ހިޖުރަ ކުރި މީހެކެވެ. އަދި އޭނާ ފުލުުހުންގެ އިދާރާއަށް ގުޅުމަށް ނިންމާފައިވަނީ، ނިއު ޒިލެންޑްގެ ޙަޔާތުގައި ދިމާވި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާ، ކްރައިސްޓް ޗާރޗް ހަމަލާއަށްފަހުގައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!