ދިވެހި ސަރުކާރުން، ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ. އަދި މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Ad
rt

ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އެ ޗައިނާގެ ލޯނުތަކާއި ގުޅުވައިގެން ކަންބޮޑުވުން ފާޅުކުރަށްވާ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޞާލިޙްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އެމަނިކުފާނު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ޗައިނާގެ ލޯނުތަކުގެ ވާހަކަ ދައްކަވާފަ އެވެ. އެވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނީގެ ތެރެއިން ފަސް ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

"މިއަދު މި ބަޖެޓު ފެންނާން މި އޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑިހުތުރު ކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ ފައްޓަރުބައި ވިއްކާލަން މި ޖެހެނީ،"

ރައީސް ނަޝީދު ވިދާޅުވި އެވެ.

ދުނިޔެ ބަންދުވެފައިވާ މި ދަނޑިވަޅުގައިވެސް، ޗައިނާ ފަދަ ވަރުގަދަ ގައުމަކުން އެއްވެސް ލުޔެއް ދިނުމެއް ނެތި ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެއީ ދުނިޔެ ދަންނަ އިންސާފެއް ނޫން ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

މީގެއިތުރުން މިއަދު މަޖިލިސް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ޗައިނާގެ ދަރަންޏާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާ އިއްޔެއެކޭ އެއްގޮތަށް ފައްޓަރުބަޔަކުން މިސާލު ނަންގަވައި ޚިޔާލުފާޅު ކުރަށްވާފަ އެވެ.

މިގޮތުން މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ދަރަނި އަދާ ނުކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވަނީ ފައްޓަރުބައެއްގެ ފޮޓޯއަކާއެކު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ 53 ޕަސެންޓު ހޭދަވާނީ ދަރަނި އަދާކުރަން ކަމަށެވެ. އަދި ދަރަނީގެ 80 ޕަސެންޓަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.