ހއ. އިހަވަންދޫއަކީ އިހަވަންދިއްޕޮޅުގެ އިޤްތިޞާދުގެ މައި ހަބު ކަމަށާއި، އަދި އެރަށަކީ ޤައުމީ ތަރައްޤީ ޕްލޭންގެ އިހަވަންދިއްޕޮޅުގެ ސަބް ރީޖަނަލް ހަބް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޝިފާޢު ވިދާޅުވީ އިހަވަންދޫއަކީ އެރަށުގެ ރައްޔިތުންގެ އަމިއްލަ ފުދުންތެރިކަމުން ނަގާ ކޮޅަށްޖެހިފައިވާ އިޤްތިޞާދެއް އޮތް ރަށެއް ނަމަވެސް އަދިވެސް ފެނިގެން ދަނީ އުމްރާނީ ތަރައްޤީގެ ސަފުގައި ފަހަތުގައި އޮތް ރަށެއްގެ ގޮތުގައި ކަމަށެވެ.
''ރައްޔިތުންގެ އެތައް ހައްޤުތަކެއް ކަށަވަރުކޮށް ދިނުމަށް އިހުތިބި ސިޔާސީންނާއި، ވެރީން ވަނީ ބޮޑުތަނުން އިހްމާލު ވެފައިކަން މިއަދުވެސް އެރަށަށް ބަލައިލުމުން އަޅުގަނޑުމެންނަށް ފެންނަމުންދޭ، ރައީސް ޞާލިޙްގެ މި ސަރުކާރުން އިހަވަންދޫގެ ރައްޔިތުންގެ ހިތްތަކަށް ގެނެސްދިން އެންމެ ބޮޑު އެއް އުފަލަކީ އިހަވަންދޫގައި ބިނާކުރާ އިހަވަންދިއްޕޮޅުގެ ހޮސްޕިޓަލްގެ މަސައްކަތް ޓެންޑަރ ކުރވިފައި އޮތުން، އިއްޒަތްތެރި ރައީސް އަޅުގަނޑުގެ އުންމީދަކީ ޓެންޑަރ ކުރެވިފައި މިވާ ހޮސްޕިޓަލްގެ މަސައްކަތް ދާދީއަވަހަށް އިހަވަންދޫގައި ފެށިގެން ދިޔުން''
ޝިފާޢު ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާޢު ވަނީ އިހަވަންދޫ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަން ފާހަގަ ކުރަށްވާފަ އެވެ.
އިހަވަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށްޓަކައި، އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސަކަތް އެމްޓީސީސީއާއި މިހަފްތާތެރޭ ހަވާލު ކުރެވިފައިވާކަމަށާއި، އަދި އެ މަޝްރޫޢުއަށް ބޭނުންވާ ފައިސާވެސް ބަޖެޓްގައި ހިމެނިފައިވާ ކަން ޝިފާޢު ފާހަގަ ކުރެއްވި އެވެ.
ޝިފާޢުވަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކޮންޓެކްޓަރުންނާއި ހަވާލު ކުރެވުނު ނަމަވެސް ރައްޔިތުން އެދޭ ހަލުވިމިނުގައި ކުރިއަށްނުގޮސް ލަސްވާ ސަބަބުތައް ސާފުކުރާން ޖެހޭ ކަމަށް ވެސް ވިދާޅު ވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ އިހަވަންދޫގެ ބިންހިއްކުމަށް އީއައިއޭ ހެދުމަށް ބަޔަކާއި ހަވާލުކުރެވި، އަހަރަކަށް ވުރެވެސް ގިނަ ދުވަސް އެކަމަށް ހޭދަވެގެން ގޮސްފައިވާ ކަމަށާއި، އެކަން ނިންމަން ޖެހޭ ދުވަހެއް ދައްނަވަން ނޭނގުނު ނަމަވެސް، އެކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންގެ އެތައް އަސާސީ ހައްޤުތަކެއް ގެއްލިގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީއިން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ބަޖެޓްގައި އިހަވަންދޫގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އިތުރަށް ހިމެނޭ މަޝްރޫޢުތަކުގެ ތެރޭގައި ކުނި ނައްތާލުމުގެ މަޝްރޫޢުއާއި، ޒުވާނުންގެ މަރުކަޒެއް ޤާއިމު ކުރުން ވެސް ހިމެނެއެވެ. މީގެއިތުރުން އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތާއި އަދި ބޯޅަ ދަނޑުގެ ޓާފް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްވަނީ އެވޯޑް ކުރެވިފައިވާ މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނިފަ އެވެ.
ޝިފާޢު ފާހަގަ ކުރެއްވި ގޮތުގައި އެރަށުގައި ކުނި ނައްތާލުމުގެ މަޝްރޫޢު ހިންގުމާއި، ބޯހިޔާވަހިކަމަށް ހައުސިން މަޝްރޫޢު ހިންގޭނީ ބިމުގެ މައްސަލަ ހައްލުވެގެން ނެވެ.
ފިނޭންސް މިނިސްޓްރީއިން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ބަޖެޓްގައި، މެންބަރު މުޙައްމަދު ޝިފާޢު ތަމްސީލް ކުރަށްވާ، ހއ. އިހަވަންދޫއަށް ވަނީ 24,402,640 ރުފިޔާގެ ބަޖެޓެއް ހިމަނާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!