ސަރަހައްދުގެ ވިޔަފާރިތަކަށް އެހީތެރިވެދީ ޒުވާނުންނަށް ވިޔަފާރީގައި ކުރިއަށްދާނެ މަގުތައް ތަނަވަސްކޮއްދިނުމުގައި އެހީތެރިވުމަށް 2021 ވަނަ އަހަރު، ހއ. އިހަވަންދޫގައި ބިޒްނަސް ކޯޕަރޭޓް ސެންޓަރެއް ގާއިމުކުރެވިގެންދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ.
މެންބަރު ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޝިފާޢު ވިދާޅުވީ އިހަވަންދޫއަކީ އިގްތިޞާދީ ގޮތުން ވަރުގަދަ އަދި ގިނަ ޢަދަދެއްގެ އަމިއްލަ ވިޔަފާރިތައް ހުރި ރަށެއްކަމަށެވެ. އަދި އެ ވިޔަފާރިތަކަކީ އިހަވަންދޫ ރައްޔިތުންގެ ބުރަ މަސައްކަތުން ކޮޅަށްޖަހާފައިވާ ވިޔަފާރިތަކެއްކަން ޝިފާޢު ފާހަގަ ކުރެއްވި އެވެ.
''އިހަވަންދޫއަކީ އިގްތިޞާދީ ގޮތުން ވަރުގަދަ އަދި އަމިއްލަ ވިޔަފާރިތައް ފުދޭވަރަކަށް ގިނަ ބިނާ ކުރެވިފައި އޮތް ރަށެއް، އިހަވަންދޫ ރައްޔިތުންގެ މަސައްކަތުން، އިރާދަކުރެއްވިއްޔާ ސަރުކާރުން މިމަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރު ތެރޭގައި އިހަވަންދޫގައި ބިޒްނަސް ކޯޕަރޭޓިވް ސެންޓަރެއް ޤާއިމު ވެގެން ދާނެ، އަޅުގަނޑުގެ އުންމީދަކީ މިމަރުކަޒުގެ ސަބަބުން އިހަވަންދޫ ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއްލިބި އަދި ވިޔަފާރީގައި ކުރިއަށްދާނެ މަގު މިހާރަށްވުރެ ކޮށިގެން ދިޔުން.''
ޝިފާޢު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޝިފާޢު ދެއްކެވި ވާހަކާގައި ވަނީ އެއްވެސް ސަރުކާރަކުން މަސްވެރިންނަށް މީގެކުރީން ނުކުރާ އިންވެސްޓްކުރުމަށް، މި ސަރުކާރުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އެ ސިނާޢަތް ކުރިއަރުވައި، ވަސީލަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް 236 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމަކީ ކުރިމަގުގައި މަސްވެރިން ބާނާ މަހުގެ ހަމަ އަގު ލިބޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީއިން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ބަޖެޓްގައި، މެންބަރު މުޙައްމަދު ޝިފާޢު ތަމްސީލް ކުރަށްވާ، ހއ. އިހަވަންދޫއަށް ވަނީ 24,402,640 ރުފިޔާގެ ބަޖެޓެއް ހިމަނާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!