ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދު ﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ.

Ad
rt

އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް މެންބަރު ޔައުގޫބު އައްޔަނު ކުރެއްވި ހިސާބުން އޭނާގެ ގޮނޑިގެއްލިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝަރީއަތުގައި ހަލީމާއި އައްސަދު އެދި ވަޑައިގަތީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ހިލާފުވެފައިވާ ކަމަށެވެ.

ޔައުގޫބަށް ރައްދުވި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ފަސް ފަނޑިޔާރުން ވެސް މި ނިންމެވުމަށް އިއްތިފާގުވެ ވަޑައިގަތެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސޫދު ވިދާޅުވީ އައްސަދާއި ހަލީމް ހުށަހެޅުއްވި ގޮތަށް ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި ނަމަ އެކަން ގާނޫނާއި ހިލާފުވާނެ ކަމެއް ކަމަށެވެ. އަދި އެކަން ވާނީ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމަށްވުރެ އިތުރަށް އުނި އިތުރު ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑައެއް ނޭޅޭނެ. އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނު އަސާސީއަށް ކޯޓުން އުނިއިތުރު ގެނައުން ކަމަށް. ކޯޓްތަކަށް ދީފައިވާ ގާނޫނު އަސާސީ މާނަ ކުރުމުގައި ވެސް އެ ގާނޫނުގައި ބުނެފައިވާ އެއްޗަކަށް އުނި އިތުރެއް ގެނައުމުގެ ބާރެއް ލިބިފައެއް ނުވޭ."

ސުއޫދު ވިދާޅުވި އެވެ.

ބައެއް ފަންނުތަކުގެ ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދީ، ދައުލަތުގެ އެހީ ދިން ނަމަވެސް، އެއީ ދައުލަތުގެ މުއައްސަސާއަކަށް ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. ބާ ކައުންސިލަކީވެސް ހަމަ އެފަދައިން ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ހުކުމުގައި ބުނެފައި ވަނީ ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓަކީވެސް އެއީ ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންވެ، ޔައުގޫބު ހަވާލުވެވަޑައިގެންނެވި ޗާޓާޑް އެކައުންޓެންޓްސްގެ އިންސްޓިޓިއުޓުގެ ކައުންސިލް މެމްބަރުކަމުގެ މަގާމަކީ، ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އައިސީއޭއެމްގެ މެމްބަރު ކަމާއި ޔައުގޫބް ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރު ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެން ފެށުމުން އޭނާ ވަނީ އެ ކައުންސިލުން މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.