ޔުއެފާ ނޭޝަންސް ލީގުގައި ހޮނހިރު ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޔޫރަޕުގެ ޤައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް މުގުރާލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލެންޑްގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން މޮޅަށް ކުޅުނު ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރެމޯ ފްރެއުލާއެވެ. އެ ލަނޑަށްފަހު ސްޕެއިންއަށް ވަނީ ދެ ޕެނަލްޓީ ލިބިފައެވެ. ނަމަވެސް ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ފޮނުވާލި ދެ ޕެނަލްޓީ ވެސް ސްވިޒަލެންޑްގެ ކީޕަރު ޔަން ސޮމަރ ވަނީ ދިފާއު ކޮށްފައެވެ.
މި ނަތީޖާއިން މެޗުގެ ބޮޑުބައި ސްވިޒަލެންޑުން ކުރީގައި އޮތްނަމަވެސް އެ ޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރ ނިކޯއަށް މެޗުގެ 79 ވަނަ މިނެޓުގައި ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. އެކަމުގެ ފައިދާނަގައި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ޖެރާޑް މޮރޭނޯ ވަނީ ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ރޭގެ މެޗާއިއެކު ސްޕެއިން ގައުމީ ޓީމަށް ރާމޯސް ކުޅެދިން މެޗުގެ އަދަދު ވަނީ 177 އަށް އަރާފައެވެ. މީގެކުރިން ޔޫރަޕުގެ ޤައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް އޮތީ މިހާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ އިޓަލީގެ ކުރީގެ ކީޕަރު ބުފަންގެ އަތުގައެވެ. ބުފަންވަނީ އިޓަލީގެ ޖޮޒީގައި 176 މެޗު ކުޅެފައެވެ.
ސްޕެއިން އެއްވަރުވުމުގެ ފައިދާނަގައި ޖަރުމަން ގްރޫޕުގެ އެއްވަނައަށް އެރީ ހޮނިހިރު ދުވަހުގެރޭ ޔޫކްރޭން އަތުން ފަހަތުން އަރައި 3-1 ން މޮޅުވެގެންނެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫކްރޭނުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ޖަހައިދިނީ ރޯމަން ޔަރެމްޗުކެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ލެރޯއި ސާނޭ ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ޓިމޯ ވާނާ ޖަރުމަނަށް ލީޑު ނަގައިދިންއިރު، މެޗުގެ 64 ވަނަ މިނެޓުގައި އެ ގައުމަށް ލީޑު ފުޅާކޮށްދިނީވެސް ވާނާއެވެ.
މި ނަތީޖާތަކާއެކު ޖަރުމަން އެއްވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްޕެއިނަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!