އެމެރިކާގެ ރައީސް އަކަށް ދެން ހުންނަވާނެ ބޭފުޅެއް ވަގުތު އައިސް ޖެހުމުން އެނގޭނެކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅު ވެއްޖެއެވެ.
ޓްރަމްޕްގެ ރާގު ދެކަފި ކުރަށްވާ މިހެން ވިދާޅުވީ ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް މިހާތަނަށް ގެންދަވަނީ އިންތިޚާބުގެ ބަލި ޤަބޫލު ނުކުރަށްވާ ކަމަށް ވިދާޅު ވަމުންނެވެ.
ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ކުރިން އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާ ކަމަށާއި، އިންތިޚާބު އޮޅުވާލާފައިވާ ކަމަށާއި އަދި ވެރިކަމުގައި ދެންވެސް ހުންނަވާނީ އޭނާ ކަމަށް ބާރުލާފާ ވިދާޅުވާ ވިދާޅުވުމުގެ ރާގު ދެކަފި ކުރަށްވާ، ޖެނުއަރީ 20 ގެ ފަހުން ވައިޓްހައުސްގައި ހުންނަވާނެ ބޭފުޅަކު "ވަގުތުއައިސް ޖެހުމުން އެނގޭނެ" ކަމަށް ވިދާޅު ވެފައެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވީ އެމެރިކާގެ ކޯވިޑްބަލީގެ ހާލަތާ ގުޅޭގޮތުން ދެއްކެވި ވާހަފުޅުގެ ތެރެއިންނެވެ.
"މިސަރުކާރަކުން ލޮކްޑައުންއަކަށް ނުދާނެ. އުންމީދުކުރަނީ،... ކުރިއަށްއޮތް ތާނގައި ކޮންމެގޮތެއް ވިޔަސް، ކާކަށް އެނގޭނީ ވެރިކަމުގައި ތިބޭނީ ކޮންބައެއްކަން. އަޅުގަނޑަށް ހީވަނީ ވަގުތުއައިސް ޖެހުމުން އެނގޭނެހެން"
ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހު ކޯވިޑަށް ވެކްސިންއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިގޮތުން އެގައުމުގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފައްދާ ވެކްސިނަށް ވަރަށް އަވަހަށް ވަގުތީ ހުއްދައެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވަން ރައީސް ޓްރަމްޕް އަދިވެސް ދެކޮޅު ހައްދަވަމުން ގެންދަވާއިރު، ޓްރަމްޕް ކެމްޕެއިންގެ ފަރާތުން ސްޓޭޓްތަކުގެ ކޯޓުތަކަށް ހުށަހަޅަމުންދާ މައްސަލަތަކުން އެއްވެސް ކުރިއެރުމެއް، އުންމީދެއްވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ. ޓްރަމްޕް އެގޮތަށް ތުހުމަތު ކުރެއްވި ނަމަވެސް އިންތިޚާބާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ.
އެމެރިކާގެ އިންތިޚާބުގެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ޖޯޖިއާ ސްޓޭޓުގެ 16 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު ބައިޑަން އަށް މިހާރު ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފަ އެވެ.
ނޯތު ކެރޮލައިނާގެ ވޯޓު ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާނެކަން ޔަގީންވުމާ އެކު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް ބެލެވެނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޔަގީންވެފައިވީ ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން ވަނީ އިންތިޚާބުން މޮޅުވީ ބައިޑަންކަން ގަބޫލް ކުރަން ދެކޮޅު ހަދައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!