ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް، އެކި ބަލިތަކުގައި ހަސްފަތާލުގައި އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެންނަ ކަމަށް، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރެވެމުންދާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ދިމާކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް، އެކި ބަލިތަކުގައި ހަސްފަތާލުގައި އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެންނަ ކަމަށެވެ.
''މީގެ ސަބަބުތައް ބައިވަރުނަމަވެސް، އެންމެ އާންމުކޮށް އެހެންވަނީ، މި ހާލުދެރަ ބަލިމީހުންނަށް ދޭންޖެހޭ ބައެއް ބޭސްތަކުންނާއި، މި ހިތްދަތި ވަގުތު ތަކުގައި އެ ބަލިމިހާއަށް ދިމާވާ ހާސްވެ ކަންބޮޑުވުމާއި ގުޅިގެންނެވެ. މިގޮތައް ހަކުުރުމަތިވާ ބަލިމީހުންނަށް އަހަރެމެން ދެނީ ގުޅަބޭހުގެ ބަދަލުގައި އިންސުލިން ނެވެ.''
ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައި ވެއެވެ.
ބައެއްފަރަށް ހަކުރުބަލީގެ ބަލި މީހުން އެދުމަތިކުރުމަށްފަހު، ކަމުން އަންނަ ގުޅަބޭހުގެ ބަދަލުގައި އިންސުލިން ދޭން ފަށަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ބަލިމީހާވެސް އަދި އާއިލާގެ މީހުންވެސް ވަރަށް ކަންބޮޑުވާ ކަމަށް ޑރ. ވިދާޅުވިއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ކަމަކީ ގުޅަބޭހަށްވުރެ އިންސުލިނުން ހަށިގަނޑުގެ ހަކުރު އަވަސްގޮތަކަށް ކޮންޓުރޯލް ކުރާކަން ކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ.
''މިގޮތަށް އިންސުލިން ޖަހާއިރު، ދުވާލަކު 4 ފަހަރު ނުވަތަ 7 ފަހަރު އިނގިލިކޮޅުން ލޭނަގައިގެން ހަކުރު ބަލަން ޖެހެއެވެ. މިކަމަށް އޯޑަރު ފައިލުގައި ޑރ. ލިޔުންކަމުގައި ވިޔަސް، މިކަންކޮށް ބަލިމީހާއަށް ބޭނުންވާ އިންސުލިން ޖަހައިދީ ނުވަތަ ޖަހަންވީގޮތް ކިޔައިދީ ހަދަނީ ނަރުސް ކުދިންނެވެ. އަދި ބައެއްފަރަށް އައި ސީ ޔޫގައި އޮންނަ ބަލި މީހާގެ ހަކުރު ގަޑިއަކު އެއްފަހަރު ބަލަން ޖެހޭތަންވެސް އާދެއެވެ. މިކަންވެސް ކުރަނީ ނަރުސް ކުދިންނެވެ.''
ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައި ވެއެވެ.
މި ކޯވިޑްގެ ދުވަސްވަރު، ހާލު ދެރަ ކޯވިޑް ބަލި މީހުންނަށްވެސް، ޕީޕީއީ އަޅައިގެންތިބެ ލޯތްބާއި ކުލުނާއިއެކު، މިޚިދުމަތް ދެގޮތެއްނުވެ ދެނީ ނަރުހުންކަން ފާހަގަކޮށް މިއަދު މި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ޙާއްސަ ވަނީ ނަރުހުންގެ މިންނެތް މަސައަކަތަށްކަން ޑރ. މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ނަރުހުންނަށް ޝުކުރު އަދާ ކުރަށްވާފައެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރެވެމުންދާއިރު، ރާއްޖޭގައި ވަނީ ހަކުރު ބައްޔާ ގުޅޭ ގިނަ ހިދުމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ނެޝަނަލް ޑައިބެޓީސް ސެންޓަރެއް ހުޅުވައި ޚިދުމަތް ދޭން ފަށަފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރި "ނެޝަނަލް ޑައިބެޓީސް ސެންޓަރު" ހުޅުވާ، ޚިދުމަތް ދޭން ފަށާފައި ވަނީ 1 އޮކްޓޯބަރު 2020 ވަނަ ދުވަހު އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ބުރީގައި ހުޅުވި މި ސެންޓަރުން ހަކުރު ބައްޔާ ގުޅޭ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭ ގޮތަށް ހަމަައްސާފައިވާއިރު، އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔަށް ފަރުވާ ދޭން ބޭނުންވާ ތަފާތު ޓެސްޓު ހެދުން ހިމެނެ އެވެ. އަދި ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުން ބަހައްޓާނެ ގޮތާ މެދު ޑައެޓީޝަނުންގެ ލަފާ ވެސް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
ދުނިޔޭގައި 425 މިލިއަން މީހުން ހަކުރު ބަލީގައި ދިރިއުޅެމުންދާ ކަމަށްވެ އެވެ. ކޮންމެ އަހަރެއްގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 14 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!