2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުން އަންނަ ކޮލިފައިންގައި ހުކުރު ދުވަހުގެ ރޭ ބްރެޒިލް ކުޅުނު މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ބްރެޒިލްގައި ކުޅުނު މި މެޗު އެ ޓިމުން ކާމިޔާބު ކޮށްފައިވަނީ ވެނެޒުއޭލާއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މުޅިމެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ބްރެޒިލުން ކުޅެފައިވާއިރު އެ ޓީމުންވަނީ ވެނެޒުއޭލާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގައި ބްރެޒިލް ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމިގެ ފޯވާޑް ކުޅުންތެރިޔާ ރޮބާޓޯ ފިރްމީނޯއެވެ. ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ ކުޅެފައެއް ނުވެއެވެ.

ރޭގެ މޮޅާއިއެކު ބްރެޒިލް ވަނީ އެ ޓީމުން ކޮލިފައިންގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ލިބުނު ނުވަ ޕޮއިންޓާއިއެކު ޕޮއިންޓްތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އޮތީ އާޖެންޓީނާއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު އިތުރު ކޮލިފައިން މެޗުތަކަށް ބަލައިލާއިރު އުރުގުއޭ ވަނީ ކޮލަމްބިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި ޗިލީއާއި ޕެރޫ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޗިލީންނެވެ.

އުރުގުއޭއިން ހޯދި މޮޅާއިއެކު އެ ޓީމުން ކޮލިފައިންގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތްއިރު، ރޭގައި ޗިލީ ކުޅުނު މެޗުން މޮޅުވެ އެ ޓީމު އޮތީ ޕޮއިންޓް ތާވަލުގެ ހަ ވަނާގައެވެ.