ޢަރަބި ދުނިޔޭގެ އިތުރުން، މުޅި ދުނިޔޭގައި އިޤްތިޞާދު ކުރި އަރަމުން އަންނަ ޤައުމުތަކުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ޤަޠަރުގެ ގިނަ ބިންތަކެއް ސޭލް އަޅުވައި "ޕްރޮޕަޓީ ވިސާ"ގެ ނަމުގައި އައު ވިސާ ތަކެއް ދިނުމަށް ނިންމައިފިއެވެ.
ތެލުން މުއްސަނދި ވެފައިވާ ޤަޠަރުން މިވަނީ އެ ޤައުމުގެ ގިނަ ބިންތަކެއްގެ އިތުރުން، ގެދޮރު ޢިމާރާތްކޮށް އެ ތަންތަން "ސޭލް" އަގުތަކެއްގައި ވިއްކުމަށް ނިންމައި، ޤައުމުން ބޭރު މީހުން އެ ޤައުމަށް އިންވެސްޓްކުރަން އެދިއްޖެ ޙާލަތެއްގައި އެ ފުރުޞަތު މަގުފަހިކޮށްދީ، އެ މީހުންނަށް ޕްރޮޕަޓީ ވިސާގެ ނަމުގައި ވިސާއެއް ދިނުމަށް ނިންމާފައެވެ.
ިމި ސްކީމަކީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެ ޤައުމުން އިޢުލާންކޮށްފައިވާ ސްކީމެކެވެ. އަދި މިއީ އެ ޤައުމު ތެލުގެ ވިޔަފާރިއަށް ބަރޯސާ ވެފައި އޮތް މިންވަރު ދަށްކޮށް، އެހެނިހެން ގޮތް ގޮތުން ޤައުމަށް މަންފާ ލިބޭނެ ގޮތް ކަށަވަރު ކުރުމަށް އެ ޤައުމުން ފަށާފައިވާ ތަޞައްވުރެކެވެ. އަދި މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން އެ ޤައުމުގައި ބޭރުގެ ކެޕިޓަލް އިތުރު ކުރުމަށް ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކަމެކެވެ.
ޤަޠަރުން ވިއްކާލުމަށް ނިންމާފައިވާ ތަންތަނުގެ ތެރޭގައި، މޫދު ފެންނަ ގޮތަށް އޮންނަ ޕާރލް ސިޓީގެ ކޮންޑޯތަކާއި، އަލަށް އާބަދު ކުރެވެމުން އަންނަ ލުސައިލް ސިޓީގެ ހިއްޤައިމު އެޕާރޓްމެންޓްތައް ހިމެނެއެވެ. މިއީ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ހަދާ ސްޓޭޑިޔަމްއެއްވެސް އެކުލެވޭ ސިޓީ އެކެވެ.
މި ސީޓީ ތަކުގައި މިހާރުވެސް ގިނަ ޢަދަދެއްގެ ތަންތަން ހަދާ ނިމިފައިވާ އިރު، ގިނައީ ހުސްކޮށް ހުރި ތަންތަނެވެ. ޤަޠަރުން މަޢުލޫމާތު ދޭ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން މި ހިސާބުތަކުގެ ގޯތި ގެދޮރުގެ އަގުތައް ދަނީ ބޮޑު ތަނުން ދަށްވަމުންނެވެ.
ކުރިން ޤަޠަރުގައި ތަނެއް ގަތުމަށް ޤަޠަރުގެ ވިޔަފާރިއެއްގެ ދަށުގައި ރަޖިސްޓަރީވާން ޖެހޭއިރު، މިހާރު 200،000 ޑޮލަރުގެ އިންވެސްޓްމެންޓްއެއްގައި ތަނެއް ގަތުމުން ވަގުތީ ވިސާ އެއް އެ ތަން އޮންނަހާ ހިނދަކު ލިބޭނެއެވެ. އަދި ހަމަ އެހެންމެ، 1 މިލިއަން ޑޮލަރުގެ ތަނެއް ގަނެފި ކަމުގައިވާ ނަމަ، ޢުމުރު ދުވަހަށް ވިސާ ލިބޭ އިރު، ޤަޠަރުން ހިލޭ ސްކޫލު ފީ އާއި ހިލޭ ބޭސްފަރުވާވެސް ލިބެއެވެ.
ޤައުމުން ބޭރު މީހުންނަށް މިހާރު ޤަޠަރުގެ 25 ސަރަހަށްދަކުން ތަންތަން ގަތުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިހުރިހާ ތަންތަނަކީވެސް ވެރިރަށް ދޯހާއާއި ކައިރި ސަރަހައްދުގެ ތަންތަނެވެ.
ބެލެވޭ ގޮތުގައި، މި އައު ސްކީމާއި އެކު، ލުބުނާން، އީރާން، މިޞްރު އަދި އިންޑިޔާގެ ގިނަ ޢަދަދެއްގެ ބަޔަކު މި ފުރުޞަތުގެ ބޭނުން ހިފާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!