ރާއްޖޭގެ ރައްޔިތުންގެ ސަތޭކަ އިންސައްތައިގެ ތާއީދާއިއެކު 1 ޖެނުއަރީ 1953 ވަނަ އަހަރު އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްޙޫރިއްޔާގެ ހިޔަލުގެ ދަށުން އެ ޖުމްޙޫރިއްޔާގެ ރައީސްކަން ކުރެއްވި މުޙައްމަދު އަމީންގެ ވެރިކަން 7 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އޮތުމަށްފަހު ދެންއަނެއްކާވެސް އަލިވިލުނީ ރަސްކަމަކަށެވެ. އެޖުމްޙޫރިއްޔާގެ ތެރެއަށް އިތުރަށް ނުގެނބި ދަންނަވާލަން އޮތީ ޅެންވެރިޔެއްގެ ޅެމެކެވެ. '' ފިންޏަކުން އަދި ހޫނަކުން ތިޔަ އަސަރުތައް ފިލުމެއްނެތޭ، ހިތްވަރާ އަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއް ނެތޭ''.
ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަން މީލާދީގޮތުން 14 އަހަރާއި 8 މަހާއި 4 ދުވަހު ދެމިއޮތުމަށްފަހު ރާއްޖެ ދެވަނަ ޖުމްޙޫރިއްޔާއަކަށް އަލިވިލުނީ މީގެ 52 އަހަރު ކުރީން 11 ނޮވެމްބަރު 1968 ގައެވެ. މިއަދަކީ އެޖުމްހޫރިއްޔާގެ ހިޔަލުން 53 ވަނަ ޖުމްހޫރީ ދުވަހަކަށް އަލިވިލުނު ދުވަހެވެ.
ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާއެއް ގާއިމްކުރެވުނީ އޭރުހުންނެވި ރަސްގެފާނު ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލަށް ރާއްޖޭގެ ރަސްކަން ނުހިންގެވިގެނެއް ނޫންކަމަށާއި އަދި ރައްޔިތުންގެ ނުރުހުމާ ހިތްހަމަނުޖެހުންތަކެއް ރަސްގެފާނަށް ރައްދުވަމުން ދާތީ ވެސް ނޫންކަމަށް އެކަން ދިރާސާކުރެއްވި ބައެއް ބޭފުޅުން ލިޔުއްވާފައިވެއެވެ. އެ ބޭފުޅުން ދެކިވަޑައިގަތް ގޮތުގައި އެހިސާބަށް އާދެވުނުއިރު އަނެއްކާވެސް ރާއްޖޭގެ ޙާލަތު އޮތީ ބަދަލުވާން ފަށާފަ އެވެ.
ރަސްކަލަކު އެމަގާމުގައި ހުންނެވި ނަމަވެސް ދައުލަތުގެ އެންމެހާ ކަންތަކެއް ހިންގަވަމުން ގެންދަވަނީ އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހީމް ނާޞިރެވެ.
އެހެންކަމުން އެ ދެބޭފުޅުންގެ މެދުދުގައި ބައެއްފަހަރަށް ޚިޔާލު ތަފާތުވުންތައް އުފެދެމުން ދިޔަނަމަވެސް ގެންދެވީ ސިޔާސީ ލީޑަރުން ގެންގުޅުއްވާ އުސޫލުތަކާއި އެއްގޮތަށް ކަންކަން ނިންމަވަމުންނެވެ.
ވަކި ހިސާބަކަށް ދިޔައިރު ރަސްގެފާނާއި، ބޮޑުވަޒީރު އިސްކޮށް ބަސްކިޔާ ގޮތަށް ތިއްބަވައިގެން ތަރައްޤީވެ ކުރިއަރަމުން ދިއުމުގައި ދަތިތަކެއް ހުރިކަމަށް
ފާހަގަކުރެއްވެން ފެއްޓެވުމާއެކު އެންމެ މަސްލަހަތު ހުރި ގޮތަކަށް ވެރިކަމުގެ ނިޒާމް އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލުމަކީ ގައުމަށް
އެންމެ ފައިދާބޮޑު ގޮތް ކަމުގައި ދެކެވަޑައިގަތީކަމަށް އެކަން ދިރާސާކުރެއްވި ބައެއް ބޭފުޅުން ލިޔުއްވާފައި ވެއެވެ.
މުޙައްމަދު ފަރީދުގެ ރަސްކަމާއި ގުޅޭގޮތުން އޮނަރަބަލް އަލްއުސްތާޛް އިބްރާޙީމް ޝިހާބު ލިޔުއްވާފައިވާ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި އަލްއަމީރު އިބްރާޙިމް ފާމުލަދޭރި ކިލެގެފާނު ދައުލަތް ހިންގެވުމުން ވަކިވެވަޑައިގެން އިބްރާޙީމް ނާޞިރާއި އެކަން ހަވާލުކުރެއްވީ ކީރިތި މަހާރަދުންނަށްވެސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައި ގަންނަވާތީ ކަމަށެވެ. ނަމަވެސް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަތަކުގެ ކުޑަ ދުވަސްކޮޅެއް ފާއިތުވިފަހުން ރަދުންނާއި، ބޮޑުވަޒީރުގެ ގުޅުން ކިލަނބުވާން ފެށިކަމަށް އިބްރާޙީމް ޝިހާބު ވިދާޅުވެފައި ވެއެވެ. ސަބަބަކަށް ފާހަގަ ކުރަށްވާފައި ވަނީ ރަދުންނާއި، ބޮޑުވަޒީރަށް ކަންކަމުގައި ފެންނިވަޑައިގަންނަވާ ތަފާތެވެ. އެކަމުގެ ނަތީޖާއެއްގޮތުގައި ޝިހާބު ސިފަކުރަށްވާފައި ވަނީ ރަދުންނަށް ދައުލަތް ހިންގުމުގައި ދެވޭ ސަމާލުކަން ކުޑަވެ، އަމިއްލަކަންކަން އިސްކުރެވި، ބޮޑުވަޒީރުގެ އަތްޕުޅަށް ކަންކަން ދީއްލިގެން ގޮސް ރާއްޖޭގެ ރަސްކަން ދެވަނަ ފަހަރަކަށް ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އޮއިވަރު ހިނގައިގަތުމެވެ.
ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލާއި، ބައިވެރިވުމާއިއެކު ކުރެވޭ ވެރިކަމަން ޤަބޫލުކޮށް، ތަރައްޤީއާއި ތަހުޒީބަށް ވާސިލުވުމަށް އެނިޒާމަށް ބަދަލުވުމަކީ އެދުވަސްވަރުގެ އިސް ގިނަ ބޭފުޅުންތަކަކަށްފެނި ވަޑައިގަތް ގޮތެވެ. އެހެންކަމުން އެކަމަށް ރައްޔިތުންގެ މަޖިލިސްގެ ޚިޔާލުހޯދުމަށް، 5 އޮކްޓޯބަރު 1967ގައި ބޭއްވުނު މަޖިލިސްގެ ޖަލްސާއަށް ހުށަހެޅިގެން ދިޔައެވެ. އެ ހުށަހެޅުމާއި ގުޅިގެން 1967 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވީ ބުރާސްފަތި ވިލޭރޭ ބޭއްވުނު މަޖިލިސްގެ 3 ވަނަ ދައުރުގެ ޖަލްސާއަށް މިމައްސަލަ ދައުލަތުން ހުށަހެޅުމުން މަޝްވަރާކުރެވި، އެ ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓުން ފާސްވީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސްގެ މިނިންމުމާއި ގުޅިގެން، ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް 15 މާރޗް 1968 ގައި މުޅިރާއްޖޭގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނެގުނެވެ. އެދުވަހުގެ ވޯޓުން ރާއްޖޭގައި ފެންނަން އޮންނަނީ ޖުމްހޫރީ ވެރިކަމެއްކަމަށް 36،997 ވޯޓު ލިބުނެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއް ކަމަށް ވޯޓުދީފައި ވަނީ 8551 މީހުންނެވެ. ވޯޓުދިން މީހުންގެ 81.2 އިންސައްތައިގެ ތާއީދާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ވެރިކަމެއްކަމަށް އެވޯޓުން ނިންމިއެވެ.
އޭގެފަހުން ޖުމްހޫރީ ވެރިކަމަށް އެކަށޭނަ ޤާނޫނު އަސާސީއެއް ހެދުނެވެ. މިކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ފުރަތަމަ ޖަލްސާ އޮތީ 1968 ވަނަ އަހަރުގެ ޖުލައި 15 ރޭ 8:30ގައި ދާރުލް ޢުލޫމުގައެވެ. އެ ޖަލްސާއަށް ހުށަހެޅުނު 8 އިސްލާޙާއިއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ރައްޔިތުންގެ މަޖިލިސް އިން ފާސްކުރީ 105 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. ދެން އޮތީ ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމުގެ ވަގުތީ ޤާނޫނު ފާސް ކުރުމެވެ. އަދި މިވަގުތީ ޤާނޫނަށް 17 ޖުލައި 1968 އިން ފެށިގެން އަމަލުކުރާން ވެސް ފާސްކުރެވުނެވެ.
އެއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލިސްގެ ޚާއްޞަ ޖަލްސާއެއް ބާއްވައި އޭރުގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ)ގައި ވާފަދައިން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ފެންނަ މީހަކު އާންމުންގެ ސިއްރު ވޯޓަކުން ހޮވުމުގެ ކުރީން ރައްޔިތުންގެ މަޖިލީހުން އެމީހަކު ހޮވުމަށް ވޯޓު ނެގިއެވެ. އެ ޖަލްސާއަށް ހާޟިރުވެވަޑައިގެން 36 މެންބަރުންކުރެ 35 މެންބަރުންގެ ވޯޓާއިއެކު ތަނަވަސް އަޣުލަބިއްޔަތަކުން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ރާއްޖޭގެ ވަޒީރުލް އައުޒަމްކަމުގެ މަޤާމުގައި ހުންނެވި ޞާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާޙީމް ނާޞިރު ރަންނަބަނޑޭރި ކިލެގޭފާނެވެ. އެވޯޓުގައި، ރައީސުލް ޖުމްހޫރިއްޔާކަމަށް މޫސާފަތުޙީ ހުންނަން ފެންނަކަމަށް އެއް ވޯޓު އެމަނިކުފާނަށް ލިބިވަޑައިގަތެވެ.
އޭރު އަމަލުކުރެވެމުން ދިޔަ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލް ޖުމްޙޫރިއްޔާ އިންތިޚާބު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓު ނެގުނީ 27 ސެޕްޓެމްބަރު 1968 ގައެވެ. މިވޯޓުން ވޯޓްލީ މީހުންގެ 97.16 އިންސައްތަ ވޯޓު ސުމުއްވުލްއަމީރު އިބްރާޙީމް ނާޞިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން ފެންނަކަމަށް ލިބުނެވެ. އެއީ އެދުވަސްވަރު ވޯޓު ލުމުގެ ހައްޤުލިބިގެންވާ މީހުންގެ 89.77 އިންސައްތަ ވޯޓެވެ. އޭރު ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޖުމްލައަކީ 49،056 އެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ހުވާކުރުމުގެ ރަސްމީ އިހްތިފާލު ބޭއްވުނީ 10 ނޮވެމްބަރު 1968 ދުވަހުގެ ރޭ 10:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. އެ ޖަލްސާގައި ފުރަތަމަ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ 43 މެންބަރެކެވެ. އެއަށްފަހު ޖަލްސާ މެދުކަނޑާލައްވައި، ދެން ޖަލްސާފެށުނީ މެންދަމު 12:00 ގައެވެ. ގަޑިން 12 ޖެހުމާއިއެކު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ފެށުނުވަގުތު ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެއްޖެކަން ޢިއުލާން ކުރުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ދިނެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ނާޞިރަށް ހުވާލައިދެއްވީ ފަޟީލަތުއްޝައިޚް މޫސާފަތުހީ އަލްއަޒްހަރީއެވެ.
ހަވާލާ: ''ވިހިވަނަ ޤަރުނުގައި ދިވެހިރާއްޖެ 4، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!