އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވުމާއިއެކު، އޭނާގެ ރަނިންގް މޭޓް ކަމާލާ ހޭރިސް އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އަށްވެ ވަޑައިގެން، ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.
ވޭތުވެދިޔަ 16 މަސްދުވަސް ތެރޭގައި ކަމާލާ ހޭރިސްގެ މުޅި ސިޔާސީ ޙަޔާތް މިވަނީ މުޅިން އެހެން މަގެއް އިޚްތިޔާރުކޮށްފައެވެ. ކެލިފޯނިއާގެ ސެނެޓަރ އަށް ވަނީ ވޭތުވެދިޔަ އަހަރު އެކަނިވެސް ގިނަ އުނދަގުލާ ކުރިމަތިލާން ޖެހިފައެވެ.
މި ގޮތުން އޭނާ ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އަދި ތަފާތު އެތައް ސަބަބުތަކާއި ހުރެ، މިދިޔަ އަހަރު އޭނާގެ ކެންޕޭން އެއްކޮށް ހުއްޓި، އެމެރިކާގެ ނައިބު ރައީސް އަދި ރައީސަކަށް ވެ ވަޑައިގަންނަވަން އޮތް މަގު އަނދިރިވިއެވެ.
އެމެރިކާގެ ޙަޔާތުގައި އަލަށް ހޮވިވަޑައިގަތް އަންހެން ބޮޑު ވަޒީރުގެ ވަނަވަރަށް ބަލާލުން މުހިންމެވެ. މި ގޮތުން، ކަމާލާ ހޭރިސް އަކީ، އެމެރިކާ އަށް ހިޖުރަކޮށްފައިވާ ދެމަފިރިއަކަށް ލިބިފައިވާ ދަރިކަނބަލެކެވެ. އޭނާ އަކީ އިންޑިޔާ ދަރިކޮޅުގެ މަންމައެއް، އަދި ޖެމެއިކާ ދަރިކޮޅުގެ ބައްޕައަކަށް ލިބިފައިވާ އޯކްލޭންޑްއަށް އުފަން ކަނބަލެކެވެ.
ކަމާލާގެ މަންމަ އާއި ބައްޕަގެ ގުޅުން ނިމުމަކަށް އައިސް ކަމާލާ އުޅުއްވެވީ މަންމަ ގާތުގައެވެ. އަދި އޭނާ ގެ ދިރިއުޅުއްވުން މުޅިންހެން ބައްޓަންވެފައިވަނީ މަންމަގެ އުފަން ޤައުމު އިންޑިޔާގެ ގޮތްތަކަށެވެ.
ކަމާލާ ހެރިސް ތަޢުލީމު ހާޞިލްކުރައްވާފައިވަނީ ހަވާރޑް އިންނެވެ. އަދި އޭގެ ފަހުން އެކަމަނާ ވަނީ ޔުނިވަރސިޓީ އޮފް ކެލިފޯރނިއާއިން ލޯ ޑިގްރީ ޙާޞިލްކުރައްވައި 2003 ވަނަ އަހަރުވަނީ ޑިސްޓްރިކްޓް އެޓާރނީއަކަށް ވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން ވަނީ ކެލިފޯރނިއާގެ އެޓާރނީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ.
އެ ކަމަނާގެ އެޓާރނީ ޖެނެރަލްގެ ޙަޔާތްޕުޅުގައިވަނީ ޑިމޮކްރެޓްސްގެ ތެރޭގައި ރަނގަޅު އަގެއް ހިފަހައްޓަވާފައެވެ. އަދި އެ ޕާޓީގެ ތެރޭގައި އެކަމަނާއަށް އޮތް ތާއީދުވެސް ވަނީ އިތުރުވާން ފަށާފައެވެ.
ކަމާލާ ހޭރިސް ވެގެން ގޮސްފައިވަނީ އަބަދުވެސް ނަޞްލީ ތަފާތު ކުރުމާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާ ބޭކަނބަލެއްގެ ގޮތުގައެވެ. އަދި ނުހައްޤުން އަނިޔާ ލިބި ނުހައްޤުން ހުކުމް ކުރެވިފައިވާ ފަރާތްތަކާއި މެދުވެސް އަޑު ހަރުކޮށް ވަކާލާތުކުރާ ފަރާތެއްގެ ގޮތުގައި މީގެ ކުރިންވެސް ވަނީ އެކަމަނާގެ ނަން އެކުވެފައެވެ.
އެކަމަނާ އަމިއްލަފުޅަށް ވެސް ވިދާޅުވާގޮތުގައި، އެކަމަނާއަކީ މި ކަހަލަ ކަންކަމާއި ގުޅޭ ބޭފުޅެކެވެ. މިހާރު އެކަމަނާއަށް އެ ޒިންމާ ލިބިވަޑައިގެންފައި މިވަނީ، އެމެރިކާގެ ވައިޓް ހައުސްގެ އެތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!